ޚަބަރު

ތައިލޭންޑުގެ ޕާޓާ މާޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަނީ


  • މި ފެއަރ ކުރިއަށް ދަނީ މިމަހުގެ 26 އިން 28 އަށް

  • ތައިލޭންޑުން ޖުލައި މަހުގެ ނިޔަލަށް 10،165 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

ތައިލޭންޑް މާކެޓުގައި ރާއްޖޭ އިޝްތިހާރު ކުރުމަށް، ބެންކޮކުގައި ކުރިއަށްދާ ޕާޓާ ޓްރެވެލް މާޓުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން ބައިވެރިވެއްޖެއެވެ.

މި މަހުގެ 26އިން 28އަށް ކުއީން ސިރިކިތު ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިއަށްދާ މި ފެއަރގައި ދިވެހިރާއްޖެ ކުރުމުއްދަތުގަ އަދި އަހަރުގެ ހުރިހާ ދުވަހެއްގައި ޒިޔާރަތްކުރެވޭނެ އެންމެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރާނެއެވެ.

ޕާޓާ ޓްރެވަލް މާޓަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ އެންމެ އިސް ސަފުގައި ހިމެނޭ ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ވިޔަފާރި ފެއަރތަކުގެ ތެރޭގައި ހިމެނޭ ފެއަރއެކެވެ.

މި ފެއަރއިން ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ޖަމްޢިއްޔާތަކަށް ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކުރުމާއި ފުރުޞަތު ލިބިދޭކަން ފާހަގަކޮށް ވީއެމްސީން ވިދާޅުވީ, މި އަހަރުގެ ޕާޓާ މާޓުގައި 60އަށްވުރެ ގިނަ ޤައުމުން 1،000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާކަމަށެވެ. ފެއަރ ކުރިއަށްދާ މުއްދަތުގައި 30 އަށްވުރެ ގިނަ އެޕޮއިންޓްމަންޓް ސްލޮޓާއި، ފުލް-ޑޭ ނޮލެޖް ފޯރަމަކާއެކު ގިނަ ހަރަކާތަކެއް ކުރިއަށްދާނެ ކަމަށް ވީއެމްސީން ވިދާޅުވިއެވެ.

މި އަހަރުގެ ޕާޓާ މާޓުގައި ދިވެހިރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް ސަރަޙައްދީ އަދި ދުނިޔޭގެ ދަތުރުފަތުރުގެ ވިޔަފާރީގެ ބައިވެރިންނަށް ދައްކުވައިދޭނެ އެވެ. މި ހަރަކާތުގައި ބައިވެރިވުމަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވަރުގަދަކުރުމާއި، އެންމެ މަތީ ގިންތީގެ ފަތުރުވެރި ޚިދުމަތްތައް މި މާކެޓުގައި ޕްރޮމޯޓްކުރުމުގެ ސްޓްރެޓެޖީގެ ބައެއް ކަމަށް ވީއެމްސީން ވިދާޅުވިއެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިން ދިވެހިރާއްޖެއަށް ޝައުޤުވެރިވަނީ ރާއްޖޭގެ މާޙައުލާއި، ޤުދުރަތީ ރީތިކަމާއި، ހިތްފަސޭކަ ކަމަށެވެ. މިފަހަރުގެ ފެއަރގައި ދިވެހިރާއްޖޭގެ ސްޓޯލުގައި ހިންގާނެ ހަރަކާތްތަކުގެ ތެރޭގައި ދަތުރުފަތުރުގެ ވިޔަފާރިވެރިންނާއެކު ވަކިވަކީން ބައްދަލުވުންތައް ބޭއްވުމާއި، މަންޒިލާ ބެހޭ މަޢުލޫމާތާއި ޕްރޮމޯޝަނަލް ތަކެތި ބެހުމާއި، މާކެޓުގެ އިންސައިޓްތަކާއި ޓްރެންޑްތައް އެއްކުރުމަށް ވިޔަފާރީގެ ސަރވޭއެއް ހެދުމާއި، އަދި ދިވެހިރާއްޖޭގެ ތަޖުރިބާ ފެންނާނެ ޕްރޮމޯޝަނަލް ވީޑިއޯތައް ދެއްކުން ހިމެނެއެވެ.

މިއަހަރު ޖުލައި ނިޔަލަށް 10,165 ފަތުރުވެރިން ތައިލަންޑުން ޒިޔާރަތްކޮށްފައިވާއިރު، މުޅި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދަށް ބަލާއިރު، މިއަހަރުގެ އެހައިތަނަށް 40,061 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ވީއެމްސީން ވިދާޅުވީ، އިތުރުވަމުން އަންނަ ފަތުރުވެރިން އަދަދުން ދައްކުވައިދެނީ މި އިރުމަތީ އޭޝިއާ މާކެޓު މިހާރު ރާއްޖެއަށް މުހިންމު ވެފައިވާކަން ކަމަށެވެ.

މިއަހަރުގެ ޕާޓާ މާޓުގައި ބައިވެރިވުމަކީ ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، އައު ގުޅުންތައް ޤާއިމުކުރުމަށާއި، އަދި ދިވެހިރާއްޖެ ކުރިއަރާފައިވާ މަންޒިލެއްގެ ގޮތުގައި ފެންނަން ހުރުން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ވީއެމްސީން ވިދާޅުވިއެވެ.