ޚަބަރު

ބީބީއެންޖޭ މުއާހަދާ: ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މުހިންމު އެއްބަސްވުމެއް


  • ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމާއި ބެލެހެއްޓުމާގުޅޭ 52 ހުށަހެޅުމެއް ހުށަހަޅާފައިވާކަމަށް ވިދާޅުވި

  • ކޮންމެ ފަސް މީހަކުން އެކަކު މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ވިދާޅުވި

ފިޝަރީޒް އެންޑް ބަޔޯޑައިވަރސިޓީ ބިޔޮންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) މުއާހަދާއަކީ ކަނޑުތަކުގެ ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމުގައި ހުރި ހުސްކަން ފޫބައްދާލަން ލިބޭ ފުރުޞަތަކަށް ވެގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް އެންޑް ބަޔޯޑައިވަރސިޓީ ބިޔޮންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) މުއާހަދާއަށް އަމަލުކުރަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިމަހުގެ 18އިން 29އަށް އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ ޕްރިޕަރޭޓަރީ ކޮމިޝަންގެ ދެވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ޕެނެލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ޝިނާން ވަނީ، ދިވެހި މުޖުތަމަޢަށް ކަނޑާ ގުޅިފައިވާ މިންވަރު، އަދި ކަނޑުގެ ދުޅަހެޔޮކަން މުޖުތަމަޢުތަކުގެ ދެމިއޮތުމާ ގުޅިލާމެހިފައިވާ ގޮތް ހާމަކޮށްދެއްވާފައެވެ.

ޝިނާންގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް، ކަނޑަކީ ހަމައެކަނި އެމުޖުތަމައުތައް ހިމާޔަތްކުރާ ނުވަތަ ބަލަހައްޓާ އެއްޗެއް ނޫންކަމާއި، ކަނޑަކީ ދިރިއުޅުމުގެ ބައެއްގެގޮތުގައި ސިފަކުރެއްވިއެވެ.

ޝިނާން ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކު މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނައިރު، ރާއްޖޭގެ މަސައްކަތްތެރިންގެ 20 އިންސައްތަ ހިއްސާކުރާކަމަށެވެ. އަދި، ރާއްޖޭގެ އެކްސްޕޯޓްގެ 98 އިންސައްތަ މަހުގެ ބާވަތްތައް ހިއްސާކުރާއިރު، ކަންނެލި މަހަކީ ހަމައެކަނި އާމްދަނީ ހޯދުމުގެ ވަސީލަތެއް ނޫންކަމަށް ޝިނާން ވިދާޅުވިއެވެ.

"މަހަކީ އަޅުގަނޑުމެންގެ ކެއުން، ހެނދުނު ސައި، މެންދުރު ކެއުން އަދި ރޭގަނޑުގެ ކެއުން. އަޅުގަނޑުމެން އަހަރަކު މީހަކަށް 154 ކިލޯ ކަންނެލި މަސް ކައިއުޅެނީ. އެހެންވީމާ، އަޅުގަނޑުމެން ކަނޑާ ގުޅިފައިވާ މިންވަރާއި، ކަނޑުން އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އުފެދި ތަރައްޤީވާ މިންވަރު އެއިން ދޭހަވޭ. އަދި އެއީ އަޅުގަނޑުމެން އަބަދުވެސް ކަނޑުގެ ވެރިކަން ކުރުމުގައި، އެއީ ހިމާޔަތްކުރުމުގައި ނުވަތަ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގައި ކުރިއަށް ތިބޭ ސަބަބަކީ." ޝިނާން ވިދާޅުވިއެވެ.

ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ޝިނާން ވިދާޅުވީ، 2011ވަނަ އަހަރު ރާއްޖެ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނާ ގުޅުނީއްސުރެ، ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމާއި، ބެލެހެއްޓުމާ ގުޅޭ 52 ހުށަހެޅުމެއް ހުށަހަޅާފައިވާކަމަށާއި، އޭގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ބައިކެޗް، ކަނޑުމަސް އަދި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމާގުޅޭ ހުށަހެޅުންތައް ހިމެނޭކަމަށެވެ.

ޝިނާންގެ ވާހަކަފުޅުގައި، ބީބީއެންޖޭ އެއްބަސްވުމުގެ ސަބަބުން ލިބިގެންދާ ތަފާތު ފުރުސަތުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރީޖަނަލް ފިޝަރީޒް މެނޭޖްމެންޓް އޯގަނައިޒޭޝަން އާރްއެފްއެމްއޯތަކާއި، ގިނަ ޤައުމުތަކާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމުގެ އެއްބަސްވުންތައް ހިމެނޭ ގޮތަށް، އެކި ވަސީލަތްތަކާއި، އޮނިގަނޑުތަކާއި އަދި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން ހަރުދަނާކުރުމާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޤާބިލުކަން އިތުރުކޮށް، ދުނިޔޭގެ މާހިރުންނާއެކު މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ޤައުމުތަކަށް ބާރު ދިނުން ފާހަގަކުރައްވާފައިވެއެވެ.

"އަޅުގަނޑުމެން އެންމެން ތެދުވެރިކަމާއެކު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ބީބީއެންޖޭ މުއާހަދާ ވުޖޫދަށް އަންނަނީ މިހާރުވެސް ތަފާތު މެންޑޭޓްތަކާއެކު އެތައް ސަރަޙައްދީ މަސްވެރިކަން ބެލެހެއްޓުމުގެ ޖަމްޢިއްޔާތަކެއް ހަރަކާތްތެރިވަމުންދާ ދާއިރާއެއްގައިކަން. މިއީ، މިކަން ތަކުރާރުވުމެއް ކަމުގައި ހީވެދާނެ. ނަމަވެސް، އަޅުގަނޑުމެންނަށް އެއްބާރުލުމާއި ވިލަރެސްކުރުމުގެ ނިޒާމުތައް ރަނގަޅަށް ހަމަޖެއްސިއްޖެނަމަ، އަޅުގަނޑުމެން މިއީ ފުރުޞަތެއްގެ ގޮތުގައި ދެކެން." ޝިނާން ވިދާޅުވިއެވެ.

ޝިނާންގެ ވާހަކަފުޅުގައި ބީބީއެންޖޭއަށް އަމަލުކުރަންޖެހޭ ގައުމުތަކުގެ ތަންފީޒީ ފެންވަރުގެ ވެރިންނަށް އޭގެ މައުލޫމާތު އެކަށިގެންވާ މިންވަރަށް ނޭގޭކަން ބަޔާންކުރައްވައި، އެއީ ކަންބޮޑުވާންޖެހޭކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުތަކުގެ ތެރޭގައިވެސް، މަސްވެރިކަމާއި ތިމާވެށީގެ އިދާރާތަކުން އެއް ބަހުރުވައަކުން ވާހަކަ ނުދައްކާކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ޕްރެޕްކޮމް-2 ސެޝަން ކުރިޔަށް މިދަނީ އެފަދަ ވިލަރެސްކުރެވޭނެ ނިޒާމެއް ނެތް ދަނޑިވަޅެއްގައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އާރްއެފްއެމްއޯތަކާއެކުވެސް އެއްބާރުލުމުގެ ނިޒާމުތަކަށް އިސްކަންދޭންޖެހޭކަމަށާއި، ގިނަ އާރްއެފްއެމްއޯތަކުން މިހާރުވެސް ކުރިއަށްގެންދާ ޤާބިލިއްޔަތު އިތުރުކުރުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތުތައް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

ކޮމިޝަންގެ ދެވަނަ ސެޝަންގެ ހަވާސާގައި ބޭއްވި މި ޖަލްސާގައި ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގެ މަސްވެރިކަމުގެ މާހިރުން ބައިވެރިވިއެވެ. މި ޖަލްސާގެ ޕެނެލިސްޓުންގެ ގޮތުގައި ޝިނާންގެ އިތުރުން، ޑަބްލިއުސީޕީއެފްސީގެ އެގްޒެކެޓިވް ޑިރެކްޓަރ ރިއާ މިސް ކްރިއަސްޓިއަންއާއި، ނިއުޒީލެންޑްގެ މިނިސްޓްރީ އޮފް ޕްރައިމަރީ އިންޑަސްޓްރީސް އަދި އެފްއޭއޯގެ ފިޝަރީޒް ކޮމިޓީގެ ޗެއަރކަމުގައިވާ އެޑަމް ބެރީއާއި، އިންޓަނޭޝަނަމް ކޯލިއަޝަން އޮފް ފިޝަރީޒް އެސޯސިއޭޝަންގެ ޗެއަރ އިވާން ލޮޕޭޒް ބައިވެރިވަޑައިގެންނެވިއެވެ.