ލުބްނާންގައި ހަރަކާތްތެރިވާ އެކުވެރި ދައުލަތްތައް (އދ)ގެ ޞުލްޙަ ބަލަހައްޓާ ފައުޖުގެ މުއްދަތު އެންމެ ފަހު ފަހަރަށް ދަންމާލައި 2026ވަނަ އަހަރުގެ ނިޔަލަށް އެ ޤައުމުން ފައިބަން ތައްޔާރުވެއްޖެއެވެ.
ޔޫއެން އިންޓެރިމް ފޯސް އިން ލެބަނަން (ޔުނިފިލް)ގެ ނަމުގައި އދން ލުބްނާނަށް ސުލްޙަ ބަލަހައްޓާ ފައުޖެއް ފޮނުވާފައި ވަނީ 1978ވަނަ އަހަރުއެވެ. އެއީ، ލުބްނާނާއި ޒަޔަނިސްޓު ދައުލަތް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އަމަން ޤާއިމު ކުރުމަށެވެ. އަދި، ލުބްނާންގެ ދެކުނުގެ ރަށްތަކުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވައި، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތްތަކާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާ ބަދަލު ކުރުން ހުއްޓުވުމުގެ މަޤްޞަދުގައެވެ. ނަމަވެސް، އދގެ ފައުޖަށް ބެލުމަށް ނެތި، ޔަހޫދީ ފައުޖުން ދަނީ ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.
ޔުނިފިލްގެ ޒިންމާތަކާއި ހަރަކާތްތެރިވާ މުއްދަތު މި ހިނގާ އޮގަސްޓު މަހުގެ ނިޔަލަށް ހަމަވާއިރު، އެ މުއްދަތު ކޮންމެ އަހަރަކު ވެސް ދަނީ އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިތުރު ކުރަމުންނެވެ. ޔުނިފިލްގެ ޒިންމާގެ މުއްދަތު 2026ގެ ނިޔަލަށް އިތުރު ކުރުމަށް ހުށަހަޅާފައި ވަނީ ފަރަންސޭސިވިލާތުންނެވެ. ޔުނިފިލުން ލުބްނާންގައި ހަރަކާތްތެރިވުމުގެ ހުއްދަ އެއް އަހަރަށް ވުރެ އިތުރު ނުކުރުމަށް އެމެރިކާއިން ދަނީ ބާރު އަޅަމުންނެވެ. އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރެވެ. އަދި، އދގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ، ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ދާއިމީ މެންބަރެކެވެ.
ސުލްޙަ ބެލެހެއްޓުގެ އިތުރުން ޔުނިފިލްގެ ޒިންމާތައް 2006ވަނަ އަހަރު ވަނީ އިތުރުކޮށް، ފުޅާ ކޮށްފައެވެ. އެ ލަޝްކަރާ ޙަވާލު ކޮށްފައިވާ އިތުރު ޒިންމާތަކުގެ ތެރޭގައި ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ޖަމާޢަތްތަކުން ގެންގުޅޭ ހަތިޔާރު އަތުލުމުގައި އެ ޤައުމުގެ އަސްކަރިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. ޔުނިފިލްގެ ޒިންމާތައް އިތުރު ކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައި ވަނީ، ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ކުރި މަހެއްހާ ދުވަހަށް ދެމިގެން ދިޔަ ހަނގުރާމައަކަށް ފަހުއެވެ.
ލުބްނާންގެ ދައުލަތް ނޫން އެހެން ޖަމާޢަތްތަކުގެ ބާރުގެ ދަށުގައި ހުރި ހުރިހާ ހަތިޔާރެއް ލުބްނާންގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދިޔުމަށް އެ ޤައުމުގެ ސަރުކާރުން ދާދި ފަހުން ވަނީ ނިންމާފައެެވެ. އެ ކަމަށް ބާރު އަޅަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެ ނިންމުމާ އެކު، ލުބްނާންގެ ސަރުކާރާއި އަސްކަރިއްޔާގެ އިތުރުން ޔުނިފިލާ ދެމެދު ވެސް ޙިޒްބުاللهން ވަނީ ހިތްހަމަ ނުޖެހިފައެވެ. ޙިޒްބުاللهގެ ބާރުގެ ދަށުގައި އޮތް ލުބްނާންގެ ދެކުނުގެ ސަރަޙައްދުތައް އެ ޤައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދިޔުމަށް ވެސް އޮޕަރޭޝަނެއް ވަނީ ފަށާފައެވެ.
ހުސްވި އަހަރު ވެސް ޔަހޫދީ ފައުޖުން ވަނީ ލުބްނާނަށް ނިރުބަވެރި ޙަމަލާތަކެއްދީ، އެތަކެއް ހާސް ބަޔަކު ޝަހީދު ކޮށްލާފައެވެ. އަދި، ޙިޒްބުاللهން ވެސް ވަނީ ނުރައްކާތެރި ބެލިސްޓިކް މިސައިލާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޒަޔަނިސްޓުންގެ ރަށްތަކަށް ވަރުގަދަ ޙަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ އެމެރިކާއިން އިސްނަގައިގެން އެކުލަވައިލި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ޔަހޫދީ ފައުޖުން އަދިވެސް ދަނީ އެ އެއްބަސްވުމާ ޚިލާފުވެ، ލުބްނާންގެ ޢާންމުން ޝަހީދު ކުރުމަށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ.