ދެހާސް ފަނަރަވަނަ އަހަރު އޯލެވެލް އިމްތިހާނުން 8 މާއްދާއިން އޭ ހޯދައިގެން ގަދަ ދިހައެއްގެ އެއްވަނައިގައި 74 ދަރިވަރަކު ހިމެނިއްޖެއެވެ.
އޯލެވެލް ޓޮޕް އެޗީވާރސް އެވޯޑްދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، ދެހާސް ފަނަރަ ވަނަ އަހަރު އެންމެ ރަނގަޅު ނަތީޖާ ހާޞިލްކުރި 74 ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ އެކިވަނަތައް ޙާޞިލްކުރި 40 ދަރިވަރަކު ހިމެނޭއިރު، ތަފާތު ހަތަރު މާއްދާއަކުން ދުނިޔޭގެ އެއްވަނަ ހޯދި ފަސް ދަރިވަރަކުވެސް ހިމެނެއެވެ.އޯލެވެލް ޓޮޕްޓެން އެޗީވާސް އެވޯޑް 2015ގެ އެކި ވަނަތައް ޖުމްލަ ފަސްސަތޭކަ ހަތަރު ދަރިވަރަކު މިފަހަރު ހާޞިލްކޮށްފައިވާއިރު، ފަސްމާއްދާއިން ފާސްވި ކުދިންގެ އިންސައްތަ ވެސްވަނީ އޭގެ ކުރީއަހަރާ އަޅާބަލާއިރު މައްޗަށް ޖެހިފައެވެ. މިގޮތުން 2015 ވަނައަހަރު 5 މާއްދާއިން ފާސްވިކުދިންގެ ނިޞްބަތްވަނީ 55.7 އިންސައްތަ މަތިކުރެވިފައެވެ. އެއީ 2014 އާ އަޅާބަލާއިރު 3.7 އިންސައްތައިގެ ކުރިއެރުމެކެވެ.
img:http://s3.psmnews.mv/images/660x400/14708935777901.jpg|އޯލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދި ދަރިވަރަކަށް ރައީސް އިނާމް ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް
5 މައްދާއިން ފާސްވި ދަރިވަރުންގެ ނިޞްބަތް 60 އިންސައްތައަށްވުރެ މަތީގެ ސްކޫލުތަކުގެ އަދަދަކީ 2014 ވަނަ އަހަރު 38 ނަމަވެސް މިއަދަދު މިދިޔަ އަހަރުވަނީ 63 ސްކޫލަށް މައްޗަށް ޖެހިފައެވެ. އަދި މިދިޔަ އަހަރު 17 ސްކޫލަކުން ވަނީ 5 މާއްދާއިން ފާސްވި ކުދިންގެ ނިޞްބަތް 80 އިންސައްތައަށްވުރެ މައްޗަށް ޖައްސާފައެވެ. ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ސްކޫލުތަކުގައި ކިޔަވައިދެއްވާ ޓީޗަރުންގެ ފެންވަރު މަތި ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން މިހާރު ހުރިހާ ޓީޗަރުން ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރެއްވުމަށްފަހު ކުރިޔަށްއޮތް 5 އަހަރުގެ ތެރޭގައި ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރެއްވުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ލިބުމުގެ ފުރުޞަތު ފުޅާވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
img:http://s2.psmnews.mv/images/660x400/14708936145461.jpg|އޯލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ފާސް ހޯދި ދަރިވަރަކަށް މިނިސްޓަރ އިނާމް ދެއްވަނީ / ފޮޓޯ: ރައީސް އޮފީސް
"ކުރިޔަށްއޮތް ފަސް އަހަރުގެ ތެރޭގައި ހުރިހާ ޓީޗަރުން ޑިގްރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް ރައީސް ޔާމީންގެ ލަފާފުޅުގެ މަތިން މިވަނީ ފެށިފައި. އެހެންކަމުން މިއަދު ތައުލީމީ ދާއިރާ ފުރިހަމަކޮށް ނުކުންނަ ކޮންމެ ދަރިވަރަކީވެސް މުޖްތަމައުގައި ބޭނުންތެރި، އެހެންމީހުންގެ އިޙްތިރާމާއި ލޯބި ލިބިގެންވާ، އެހެންމީހުންނަށް އިހްތިރާމުކުރަންދަންނަ، ޤައުމިއްޔަތަށް ލޯބިކުރާ ޤައުމީ ވަންތަ ދަރިންތަކަކަށް ވާނެ." މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިދިޔަ އަހަރު 5011 ދަރިވަރަކު އޯލެވެލް އިމްތިހާނު ހަދާފައިވާއިރު، ހުރިހާ މާއްދާއެއްގެ ނަޠީޖާއަށް ބަލާއިރު، މާއްދާތަކުން "ސީ" ފާހަށްވުރެ މަތިން ފާސްވި ދަރިވަރުންގެ ނިތްބަތް ހުރީ 46.9 އިންސައްތައިގައެވެ. އަދި ޔޫ ގްރޭޑް ލިބުނު ނިޞްބަތް 2014 އާ ބަލާއިރުވެސް 1.2 އިންސައްތަ މިދިޔަ އަހަރު ވަނީ ދަށްކުރެވިފައެވެ.