ޚަބަރު

މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރަޝިޔާއިން ދިން ވަރުގަދަ ޙަމަލާގައި ޚާރިޖީ އިމާރާތްތަކަށް ގެއްލުން


ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިނަށް ދީފައިވާ ވަރުގަދަ ޙަމަލާތަކުގައި ޔޫކްރެއިންގައި ހުރި ޚާރިޖީ އިމާރާތްތަކަކަށް ގެއްލުން ލިބިއްޖެއެވެ.

މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރަޝިޔާއިން ދިން ޙަމަލާތަކުގައި ހަތަރު ކުޑަކުދިން ހިމެނޭ ގޮތަށް 18 މީހުން މަރުވެފައިވެއެވެ. އެ މީހުން މަރުވެފައި ވަނީ ޔޫކްރެއިންގެ ވެރިރަށް ކީވްގައެވެ. އެ ޙަމަލާތަކުގައި 38 މީހުންނަށް ޒަޚަމްވެފައި ވެސް ވެއެވެ. ކީވްގެ މޭޔަރު، ވިޓަލީ ކްލިޝްކޯ ވިދާޅުވީ މިއީ ފާއިތުވި މަސްތަކުގައި ރަޝިޔާއިން ކީވަށް ދީފައިވާ އެންމެ ވަރުގަދަ އެއް ޙަަމަލާ ކަމަށެވެ.

ރަޝިޔާގެ ޙަމަލާތަކުގައި ކީވްގައި ހުންނަ ވިލާތުގެ އިއްތިޙާދުގެ މިޝަންއަށާއި ބްރިޓިޝް ކައުންސިލްގެ އިމާރާތަކަށް ގެއްލުން ލިބިފައިވެއެވެ. އެ ކަމާ ގުޅިގެން ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތުން ވަނީ އެ ޤައުމުތަކުގައި ހުންނަވާ ރަޝިޔާގެ ސަފީރުން ހާޒިރުކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޚާރިޖީ އިދާރާތައް ހުންނަ ސަރަޙައްދުތަކުގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.

ޔޫކްރެއިންގެ ރައީސް، ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން މަޝްވަރާގެ މޭޒުގެ ދޮަށަށް ދިޔުމުގެ ބަދަލުގައި ރަޝިޔާއިން ނިންމީ މިސައިލު ބޭނުންކޮށް އިތުރު ޙަމަލާތައް ދޭން ކަމަށެވެ. ހަނގުރާމަ ހުއްޓައިލުމުގެ ބަދަލުގައި ރަޝިޔާއިން ނިންމީ މީހުން ޤަތުލުކުރުމުގައި ދެމިތިބުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީޔޫ ކޮމިޝަންގެ ރައީސް، އުރްސަލާ ވޮން ޑަރ ލެޔެން ވިދާޅުވީ ރަޝިޔާއިން ދީފައިވާ ޙަމަލާއަކީ ޔޫކްރެއިނަށް ދުއްތުރާކޮށް ގެއްލުން ދިނުމުގައި ރަޝިޔާގެ ހައްދެއް ނެތްކަން ދައްކުވައިދޭ ހެއްކެއް ކަމަށެވެ. ރަޝިޔާއިން އެއްވެސް ބެލުމެއް ނެތި އާންމުން ގަތުލްކުރަމުންދާ ކަމަށާއި ވިލާތުގެ އިއްތިޙާދަށް ވެސް ރަޝިޔާގެ ޙަމަލާތައް އަމާޒުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޔޫކްރެއިންގައި ހުންނަ ވިލާތުގެ އިއްތިޙާދުގެ އޮފީހަކަށް ދެ ޙަމަލާ ދީފައިވާ ކަމަށާއި، ދެ ޙަމަލާގެ ދެމެދުގައި ފާއިތުވީ އެންމެ 20 ސިކުންތުތަކަށް އޭނާ ފާހަގަކުރެއްވިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ކީރް ސްޓާމަރ ވެސް ވަނީ ރަޝިޔާއިން ދިން ޙަމަލާ ކުށްވެރިކުރައްވައިފައެވެ. އޭނާ ވިދާޅުވީ ބްރިޓިޝް ކައުންސިލްގެ އިމާރާތަށް ގެއްލުން ލިބިފައިވާ ކަމަށާއި، ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ކުޑަކުދިންނާއި އާންމުން މަރަމުންދާ ކަމަށެވެ. އަދި ޞުލްޙަ ޤާއިމުކުރެެވެން ހުރި ހުރިހާ މަގެެއް ނަައްތައިލުމަށް ޕުޓިން މަސައްކަތްކުރައްވަމުންދާ ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވައިފައެވެ.

ރަޝިޔާއިން ބުނީ އެ ޤައުމުން ދިން ޙަމަލާތައް އަމާޒުކޮށްފައި ވަނީ އަސްކަރީ ސިނާއީ މަރުކަޒުތަކާއި ވައިގެ މަރުކަޒުތަކަށް ކަމަށެވެ. ހަމަ އެގޮތަށް ޔޫކްރެއިނުން ވެސް ރަޝިޔާއަށް ޙަމަލާތައް ދީފައިވާ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން ބުނީ ޞުލްޙައިގެ މަޝްވަރާތައް ކުރުމަށް އެ ޤައުމުން އަދިވެސް ޝައުޤުވެރިވާ ކަމަށެވެ.

ހަނގުރާމައިގައި އާންމުންނަށް އަމާޒުކޮށް ޙަމަލާ ނުދޭ ކަމަށް ރަޝިޔާއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ޔޫކްރެއިނުން ބުނަނީ ފާއިތުވި މަސްތަކުގައި އެކަނި ވެސް ރަޝިޔާގެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ އާންމުން މަރުވެފައިވާ ކަމަށެވެ. 2022ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން އާންމުންގެ އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.