ދުނިޔެ

ޙަލަބުގައި ދޭ ޙަމަލާތައް 48 ގަޑިއިރަށް ހުއްޓާލަންޖެހޭ- އދ


ސޫރިޔާގައި އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ސިޓީ ކަމަށްވާ ޙަލަބްގެ އާންމުން އުޅެމުންދަނީ ވަރަށް ދަތި ޙާލުގައިކަމަށާ އެމީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން 48 ގަޑިއިރަށް ޙަމަލާތައް ހުއްޓާލަން ޖެހޭކަމަށް އދ އިން ބުނެފިއެވެ. އދގެ އިންސާނީ އެހީގެ ކަންތައްތަކާބެހޭ ވެރިޔާ ސްޓެފަން އޮބްރިއެން ވިދާޅުވީ، ޙަލަބްގެ އެކި ސަރަހައްދުތަކުގައި އިންސާނީ އެހީއަށް ބޭނުންވެފައިވާ އެތަށް ލައްކަ ބަޔަކު އެބަތިބި ކަމަށާ އެމީހުންނަށް ކާބޯތަކެއްޗާއި ބޭހާއި ސާފުތާހިރުވުމަށް ބޭނުންކުރާ ބާވަތްތަކާއި އަންނައުނު ފަދަތަކެތި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

އދ. ގެ އިންސާނީ އެހީގެ ކަންތައްތަކާބެހޭ ވެރިޔާ ސްޓެފަން އޮބްރިއެން މިހެން ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ހަލަބްގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ދުވަހަކުވެސް 3 ގަޑީއިރަށް ހަމަލާތައް ހުއްޓާލުމުގެ ހުށަހެޅުމެއް ރަޝިޔާއިން ހުށަހެޅުމާ ގުޅިގެނެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު ދިހަ ގަޑި ސުން މިނިޓުން މެންދުރު އެއްގަޑި ސުން މިނެޓަށް ޙަމަލާތައް ހުއްޓާލެވިދާނެ ކަމަށާ ނަމަވެސް މިކަމަށް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ އެއްބާރުލުން ބޭނުންވާކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14624235454757.jpg|ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސޫރިޔާގެ ޙަލަބް ސިޓީ / ފޮޓޯ: ޒިންހުއާ

ހަލަބްގެ ރައްޔިތުންނަށް ގެންދާ އިންސާނީ އެހީގެ ތަކެތި އެރަށާއި ތުރުކީގެ ސަރަހައްދީ ރޮނގު ގުޅުވައިދޭ ކަސްޓެއްލޯ ހައިވޭ މެދުވެރިކޮށް ގެންދެވިދާނެ ކަމަށާ މިކަން ބަލައި އޮބްޒާވް ކުރެވޭނެ މެކޭނިޒަމް އެއް އެކުލަވާލުމާ ބެހޭގޮތުން އދ. އާއި އެމެރިކާއެކު މަޝްވަރާތައް ކުރަމުން ގެންދާކަމަށްވެސް ރަޝިޔާގެ ދިފާއީ ވުޒާރާގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޖެނެރަލް ސަރްގީ ރޮޑޮސްކޮވީ ވިދާޅުވިއެވެ. ރަޝިޔާގެ މިހުށަހެޅުމުގެ ނިޔަތާމެދު ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. ހަލަބް ހިފުމަށް މަސައްކަތްކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތެއްގެ ކޮމާންޑަރެއް ކަމަށްވާ އަބްދުއްސަލާމް އަބްދުއްރައްޒާގް ވިދާޅުވީ ރަޝިޔާއަކީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ގެންދާ ގައުމެއްކަމަށެވެ. 

ހަލަބްގައި ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާ ހުށަހަޅާ 3 ގަޑީއިރު ރަޝިޔާ ސިފައިން ސޫރިޔާގެ އެހެން ސަރަހައްދެއްގައިވާ އިދިކޮޅު ޖަމާއަތްތަކުގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދިނުމަކީ ވަރަށް ގާތްކަމެއް ކަމަށާ އެހެންކަމުން ރަޝިޔާގެ ހުށަހެޅުން ގަބޫލު ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާއަކީ ހަލަބްގައި ހިނގަމުންދާ ހަނގުރާމައިގާ ސޫރިޔާގެ ސަރުކާރުގެ ފަޅިން ބައިވެރިވާ ގައުމެކެވެ.