130 މިލިުަން ޕައުންޑަށް ނިއުކާސަލްގެ ފޯވަޑް އެލެގެޒެންޑަރ އިސާކް ލިވަޕޫލްއަށް ބަދަލުވާން ނިންމައިފި އެވެ.
ނިއުކާސަލްއިން މިހާތަނަށް މަސައްކަތް ކުރަމުން އައީ ސްވިޑްންގެ ފޯވަޑް ނުވިއްކުމަށެވެ. މި ގޮތުން ލިވަޕޫލުން މި މަހު ކުރީކޮޅު އޭނާ ގަތުމަށް ހުށަހެޅި 110 މިލިއަން ޕައުންޑްގެ ހުށަހެޅުން ނިއުކާސަލް ވަނީ ގަބޫލު ނުކޮށްފަ އެވެ. ނަމަވެސް ޕްރެކްޓިހުގައި ވެސް ބައިވެރިނުވެ އެ ޓީމަށް ނުކުޅެން އޭނާ ގަދަ ހަދާފައި ހުރީ އިނގިރޭސި ޗެމްޕިއަން ޓީމަށް ކުޅުމަށެވެ.
މިހެންވެ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ވަގުތު ކުޑަތަންވެފައިވަނިކޮށް ދެ ކުލަބުން މި ކަމަށް އެއްބަސްވީ އިނގިރޭސި ރެކޯޑް ފީއަކާ އެކުގަ އެވެ.
އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި އިސާކް މިހާރު ވަނީ ލިވަޕޫލްގެ މެޑިކަލް ފުރިހަމަ ކުރުމަށް ތައްޔާރުވަމުންނެވެ. އަދި މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ލިވަޕޫލްގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ދައްކާލާނެ އެވެ.
ހުސްވި ސީޒަނުގައި 23 ގޯލު ޖަހައި ޕްރެމިއާ ލީގުގެ ގަދަ 11 ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނުނު އިސާކް ބުނީ އޭނާއަށް ނިއުކާސަލްގެ ޖާޒީގައި ކުޅެވޭނެ ގޮތެއް ނެތް ކަމަށެވެ.
"ވައުދު އުވާލައި، އިތުބާރު ގެއްލިއްޖެނަމަ ދެން ކުރިއަށް ނުދެވޭނެ. އަހަރެން މިހާރު ބޭނުންވަނީ އެހެން ވިސްނުމެއް. ވަރަށް ގިނަ ދުވަހު މިކަމުގައި އެ މީހަކު ބޭނުން ވާހަކަ އެއް ދައްކަމުން މިދިޔައީ. އަހަރެން މިކަމުގައި ވާހަކަ ދައްކަން މި ފެށީ ވަރަށް ގިނަ ދޮގު މައުލޫމާތު ފަތުރަން ފެށުމުން،" އިސާކް ބުންޏެވެ.
ނަމަވެސް މިއީ ކޮންކަމަކާ ގުޅިގެން އޭނާ ދެއްކި ވާހަކައެއް ކަމެއް ނޭނގެ އެވެ.
ލިވޕޫލަކީ ޕްރެމިއާ ލީގުގެ ތަށި ދިފާއު ކުރުމަށް މި ސީޒަނުގައި އެންމެ ބޮޑަށް ޓީމު ވަރުގަދަ ކުރި ޓީމެވެ. މި ގޮތުން އެ ޓީމުން ވަނީ ބޮޑު އަގުގައި ހަތަރު ކުޅުންތެރިއަކު ގެނެސްފަ އެވެ. އަދި އަގުބޮޑުކޮށް ބައެއް ކުޅުންތެރިން ވަނީ ދޫކޮށްލައިފަ އެވެ. މިހެންވެ ލިވަޕޫލުން ކުރި ހޭދަ 450 މިލިއަން ޕައުންޑް ފަހަނަ އަޅައިދިޔަ ނަމަވެސް އެ ޓީމަށް މާލީ މައްސަލަތަކެއް ނެތެވެ.