ޚަބަރު

ޗައިނާއާއެކު އިޤްތިޞާދީ ދާއިރާއިން މަސައްކަތްކުރުމަށް އައު މަގުތަކެއް ވަނީ ހުޅުވިފައި: އިޤްތިޞާދީ ވަޒީރު


  • ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ރައީސްއާއި ބައްދަލުކުރައްވާފައި

  • ދެޤައުމޖުގެދެމެދު މުހިންމު މަޝްވަރާތަކެއް ކުރެއްވި

ރާއްޖެއާއި ޗައިނާ ގުޅިގެން، އިޤްތިޞާދީ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް އައު މަގުތަކެއް ހުޅުވިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސްގެ ދަތުރުފުޅާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އެ ޤައުމުގެ ރައީސް ޝީ ޖިންޕިންއާއި ބައްދަލުކުރައްވާފައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުމަކީ ވަރުގަދަ ގުޅުމެއްކަމަށާއި، މި ގުޅުން އިތުރަށް ބަދަހިވަމުންދާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްޤީގައި ދެ ގައުމަށްވެސް ފައިދާވާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އިޤްތިޞާދީ ދާއިރާއިން، އެކުގައި ކުރިއެރުމަށް އައު މަގުތަކެއް ހުޅުވިގެން ގޮސްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ޒަމާންވީ ގާތް ރަހުމަތްތެރިކަމާއި އެއްޤައުމު އަނެއް ޤައުމަށް އެދޭ ހެޔޮކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއް ކަމަށެވެ.

ދެ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި، އިންވެސްޓްމަންޓުގެ ދާއިރާއާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ދެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.