ކުޅިވަރު

ކިތަންމެ އުނދަގުލުން ވެސް ލިވަޕޫލަށް އާދެވުމުން މިހުރީ ވަރަށް އުފަލުން: އިސާކް


ކިތަންމެ ދަތި އުނދަގޫ ގޮތަކަށް ވެސް އޭނާ ބޭނުންވީ ލިވަޕޫލަށް ކުޅެން ކަމަށާއި ދަތިތަކަކާއެކު ވެސް އެކަން ހާސިލްވުމުން ވަރަށް އުފާވެއްޖެ ކަމަށް އެލެގެޒެންޑާ އިސާކް ބުނެފި އެވެ.

ނިއުކާސަލް ދޫކޮށް އޭނާ ލިވަޕޫލަށް ބަދަލުވީ އިނގިރޭސި ރެކޯޑް ފީއަކަށެވެ. އެއީ 130 މިލިއަން ޕައުންޑަށެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެން ބޭނުންވީ ލިވަޕޫލަށް ކުޅެން. ކިތަންމެ އުނދަގޫ ކަންކަމެއް ދިމާވެގެން ވެސް މިކަން ހާސިލްވުމުން އަހަރެން މިހުރީ ވަރަށް އުފަލުން. އަހަރެންނަކީ ފޯވަޑެއް. އަހަރެން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަންޖެހޭ. އަދި އަހަރެން މި ކުލަބަށް ވަރަށް ބޮޑަށް ހިދުމަތް ކުރަން ޖެހޭ،" އިސާކް ބުންޏެވެ.

އޭނާ ލިވަޕޫލަށް ވިއްކާލަން ނިއުކާސަލް ނިންމީ އެ ނޫން ގޮތެއް ނެތުމުންނެވެ. އެއީ ޕްރެކްޓިހުގައި ވެސް ބައިވެރިނުވެ އެ ޓީމަށް ނުކުޅެން އޭނާ ގަދަ ހަދާފައި ހުރުމުންނެވެ.

އޭނާ ގަތުމަށް މި މަހުގެ ކުރީކޮޅު ލިވަޕޫލުން ހުށަހެޅީ 110 މިލިއަން ޕައުންޑެވެ. ހުށަހެޅުން ނިއުކާސަލް ވަނީ ގަބޫލު ނުކޮށްފަ އެވެ. ނަމަވެސް ޓްރާންސްފާ މާކެޓް ބަންދުވުމުގެ ވަގުތު ކުޑަތަންވެފައިވަނިކޮށް ދެ ކުލަބުން މި ކަމަށް އެއްބަސްވީ ކުޅުންތެރިޔާ ދެން ނިއުކާސަލް އަށް ނުކުޅޭނެ ކަމަށް ތަކުރާރުކޮށް ބުނެ ސޯޝަލް މީޑިއާގައި ވެސް އެ ގޮތަށް ވާހަކަ ދެއްކުމުންނެވެ.
ހުސްވި ސީޒަނުގައި 23 ގޯލު ޖަހައި ޕްރެމިއާ ލީގުގެ ގަދަ 11 ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނުނު އިސާކް ބުނީ އޭނާއަށް ނިއުކާސަލްގެ ޖާޒީގައި ކުޅެވޭނެ ގޮތެއް ނެތް ކަމަށެވެ.

"ވައުދު އުވާލައި، އިތުބާރު ގެއްލިއްޖެނަމަ ދެން ކުރިއަށް ނުދެވޭނެ. އަހަރެން މިހާރު ބޭނުންވަނީ އެހެން ވިސްނުމެއް. ވަރަށް ގިނަ ދުވަހު މިކަމުގައި އެ މީހަކު ބޭނުން ވާހަކަ އެއް ދައްކަމުން މިދިޔައީ. އަހަރެން މިކަމުގައި ވާހަކަ ދައްކަން މި ފެށީ ވަރަށް ގިނަ ދޮގު މައުލޫމާތު ފަތުރަން ފެށުމުން،" އިސާކް ބުންޏެވެ.

ނަމަވެސް މިއީ ކޮންކަމަކާ ގުޅިގެން އޭނާ ދެއްކި ވާހަކައެއް ކަމެއް ނޭނގެ އެވެ.

ލިވޕޫލަކީ ޕްރެމިއާ ލީގުގެ ތަށި ދިފާއު ކުރުމަށް މި ސީޒަނުގައި އެންމެ ބޮޑަށް ޓީމު ވަރުގަދަ ކުރި ޓީމެވެ. މި ގޮތުން އެ ޓީމުން ވަނީ ބޮޑު އަގުގައި ހަތަރު ކުޅުންތެރިއަކު ގެނެސްފަ އެވެ. އަދި އަގުބޮޑުކޮށް ބައެއް ކުޅުންތެރިން ވަނީ ދޫކޮށްލައިފަ އެވެ. މިހެންވެ ލިވަޕޫލުން ކުރި ހޭދަ 450 މިލިއަން ޕައުންޑް ފަހަނަ އަޅައިދިޔަ ނަމަވެސް އެ ޓީމަށް މާލީ މައްސަލަތަކެއް ނެތެވެ.