ޚަބަރު

ކުޑަކުދިން ކުށުން ދުރުކުރަން އިސްތިރާޖީ ރޭވުންތަކާއެކު ޕްރޮގުރާމްތައް ރާވަންޖެހޭ


  • 2023ވަނަ އަހަރު ކުށުގެ 43 މައްސަލައެއްގައި ކުޑަކުދިން ހިމެނޭ

  • އަހަރުން އަހަރަށް ކުށްކުރާކަމަށް ތުހުމަތުކުރެވޭ ކުދިންގެ އަދަދު ދަނީ އިތުރުވަމުން

  • ކުށުގެ މާހައުލަށް ހުށައެޅުމުގެ ރިސްކު ބޮޑު ކުދިން، ދުރާލާ ދެނެގަންނަންޖެހޭ

ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށް ޓަކައި އިސްތިރާޖީ ރޭވުންތަކެއް އެކުލަވާލައި ޕްރޮގުރާމްތަކެއް ކުރިއަށްގެންދަންޖެހޭކަމަށް ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރުމާ ބެހޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރި ދިރާސީ ކަރުދާހެއްގައި ބުނެފިއެވެ.

މި ދިރާސީ ކަރުދާސްތައް ޢާންމުކުރީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދިޔަ ކޮންފަރެންސްގެ ތެރެއިންނެވެ.

ފުލުހުން ހެދި މި ދިރާސާގެ މަޤުޞަދަކީ ކުޑަކުދިން ކުށަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމާއި ކުށުގެ ވެށިން އެ ކުދިން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަމަށް ލަފާދިނުމެވެ. އަދި ކުށުގެ ވެށިން ދުރުކުރުމަށް ހިންގާ ޕްރޮގުރާމްތަކުން ޙާސިލުކުރެވޭ ނަތީޖާއާއި ނިޒާމުގައި ހުރި އެކިއެކި މައްސަލަތައް ދެނެގަނެ، އެ ކަންކަން ހައްލުކުރުމަށް ލަފާދިނުމަކީ ވެސް ދިރާސާގެ މަޤުޞަދެކެވެ.

މި ދިރާސާގައި ފުލުހުން ޢާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން 2023 ވަނަ އަހަރު ފުލުހުންނަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 43 މައްސަލައެއްގައި ކުޑަކުދިން ހިމެނެއެވެ. 2024 ވަނަ އަހަރު މި އަދަދު ހުރީ 79 ގައެވެ. އެހެންކަމުން އަހަރުން އަހަރަށް ހުށައެޅޭ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިން ހިމެނޭ މައްސަލަތައް ގިނަކަން ފުލުހުން ފާހަގަކުރައްވައެވެ. އަދި 2023 ވަނަ އަހަރު ކުށެއް ކުރިކަމަށް 173 ކުޑަކުދިންނަށް ތުހުމަތުކުރެވޭއިރު، 2024 ވަނަ އަހަރު އެކި މައްސަލަތަކުގައި 325 ކުޑަކުދިންނަށް ތުހުމަތުކުރެވުނުކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ ތެރޭގައި ގިނައީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނެވެ.

މި ދިރާސާގައިވާ ގޮތުން ކުޑަކުދިން ކުށުގެ މާޙައުލުން ދުރުކުރުމަށް ޓަކައި ކުރެވޭ މަސައްކަތުން އެދެވޭ ނަތީޖާއެއް ޙާސިލުކުރެވޭނީ ވަރަށް ގިނަ ކަންކަން ދެނެގަނެވުމުންނެވެ. އެގޮތުން ޢާއިލީ ގޮތުން ޖެހޭ މައްސަލަތަކާއި ހެދިބޮޑުވަމުން އަންނައިރު ކުދިންކުރާ ތަޖުރިބާތަކާއި ރަޙުމަތްތެރިންގެ ފަރާތުންކުރާ އަސަރާއި ތަޢުލީމީ ގޮތުންހުރި ދަތިތަކާއި ނަފްސާނީ ގޮތުން ދިމާވާ މައްސަލަތަކާއި މަސްތުވާތަކެތި ބޭނުންކުރުމާއި ކުށަށް ހުށައެޅޭ ގޮތްގޮތް ދެނެގަންނަންޖެހޭކަން ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޖިނާޢީ ޢަދުލުގެ ނިޒާމާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތައް ހަދާފައިހުރި ނަމަވެސް، ނިޒާމު ފުރިހަމަ ގޮތުގައި ތަންފީޒުކުރަން ދަތިތަކެއް ހުރިކަމަށް ދިރާސާގައިވެއެވެ. އެގޮތުން ކުށުގެ ވެށިން ކުޑަކުދިން ދުރުކުރުމަށްޓަކައި އޮތް އެންމެ ބޮޑު އެއް ދައްޗަކީ އަޚުލާޤީ ގޮތުން މައްސަލަތައް ހުންނަ ކުދިން ނުވަތަ ކުށަށް އަރައިގަތުމުގެ ރިސްކު ބޮޑު ކުދިން، ދުރާލާ ދެނެ ނުގަނެވުމާއި އެ ކުދިންނަށް އަޅާނުލެވުން ކަމަށެވެ. އެހެންކަމުން މިފަދަ ކުދިން ދެނެގަތުމަށްޓަކައި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ސްކޫލްތަކަށާއި ބެލެނިވެރިންނަށް ހިންގަންޖެހޭކަމަށް ދިރާސާގައި ލަފާދީފައިވެއެވެ. އަދި ކުޑަކުދިން ކުށުން ދުރުކުރުމުގައި އެދެވޭ ނަތީޖާއެއް ހޯދުމަށް ތަފްސީލީ ގޮތެއްގައި ބަޔާންކުރެވިފައިވާ އިސްތިރާޖީ ރޭވުންތަކެއްް އެކުލަވާލައި ޕްރޮގުރާމްތަކެއް ހިންގަންޖެހޭކަމަށްވެސް ދިރާސާގައި ލަފާދީފައިވެއެވެ.

ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން އެ ނިޒާމު ތަންފީޒުކުރުމުގައި ބައިވެރިވާ އެކިއެކި މުއައްސަސާތަކުންވަނީ ދިރާސާތައް އެކުލަވާލާފައެވެ. މި ދިރާސާތައް މިހާރު ޢާންމުކޮށްފައިވާއިރު، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކާއި އޭގެ ހައްލު ދިރާސާތަކުގައި ބަޔާންކޮށްފައިވެއެވެ.