ޚަބަރު

ވ. ތިނަދޫ އާއި ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަން ހަވާލުކޮށްފި


  • މިއީ 3މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެއް

  • މި މަސައްކަތް ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭ ނިންމާގޮތަށް

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން 2 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

ވ. ތިނަދޫ އާއި އެއަތޮޅު ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ސާފުރާއްޖެ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުންތަކުގައި ފަތުރުވެރިކަމާއި، ތިމާވެއްޓާއިބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު ނިޒާމެވެ. އަދި ވީ އަވަރ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެކުންފުނިތަކުގެ އިސްވެރިންނެވެ.

ތިނަދޫއާއި ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒުތަށް ގާއިމުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމަނު ތިމާވެށްޓާއިބެހޭ ވުޒާރާއިން މީގެކުރިން އެރަށްރަށުގެ ކައުންސިލްތަކާއި ވަނީ ހަވާލުކޮށްފައެވެ. އެގޮތުން، ރަށުތެރޭ ކުނިއުފުލަން ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްތާ މެޝިނާއި ވުޑް ޗިޕަރ އެރަށްރަށުގެ ކައުންސިލުތަކާއި ހަވާލުކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ތިނަދޫއާއި ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒުތަށް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ މަސައްކަތް ނިންމާގޮތަށް ތިންމިލިޔަނަށްވުރެ ގިނަ ރުފިޔާއަށެވެ.