ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި 21,000އަށްވުރެ ގިނަ ކުޑަކުދިން ނުކުޅެދުންތެރިކަން ހުރި ބަޔަކަށް ހަދައިލާފައިވާ ކަން، އެކުވެރި ދައުލަތްތައް (އދ)ގެ ޚާއްޞަ ކޮމިޓީއަކުން ހާމަކޮށްފިއެވެ. މި ކަން ހާމަކޮށްފައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތާ ބެހޭ އދގެ ކޮމިޓީ (ސީއާރްޕީޑީ)ންނެެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ގުޅޭ ގޮތުން އެ ކޮމިޓީން އެކުލަވައިލާފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، ޢުދުވާނީ ޙަމަލާތަކުގައި އެ ސަހަރުގެ 40,500އަށްވުރެ ގިނަ ކުޑަކުދިން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އަދި، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިންނަށް ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ.
މީގެ އިތުރުން، ފައިދާހުރި ކާނާ ނުލިބުމާ އެކު މެލްނިއުޓްރިޝަންގެ ޞިއްޙީ ހާލަތު ކުރިމަތިވެފައިވާ ކުޑަކުދިންގެ އަދަދު އެތަކެއް ގުނައަކުން އުފުލެމުންދާ ކަމަށާއި، 2026ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން މެލްނިއުޓްރިޝަންގެ ސަބަބުން ޣައްޒާގެ 132,000 ކުޑަކުދިންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އޮތް ކަން ވެސް އެ ކޮމިޓީން ހާމަކުރިއެވެ. ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަން މީހުންގެ ތެރެއިން ބޮޑު އިއްސައްތައަކަށް ބަނޑުފުރާނަ މުއްތިކުރެވޭ މިންވަރަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން އެ މީހުން ހައިހޫނުގައި ޖެހިފައިވާ ކަމުގައި އދއާ ގުޅުން އޮތް އިދާރާއަކުން ވެސް ދާދި ފަހުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޔަހޫދީ ސިފައިން ލާއިންސާނީ އަނިޔާތަކެއް ދެމުންދާ ކަމުގައި ވެސް ސީއާރްޕީޑީގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އެއް ކަމަކީ، އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ބަދަލުވުމަށް ޔަހޫދީ ފައުޖުން ކުރަމުންދާ އަމުރުތައް، އަޑުއެހުމާއި ފެނުމުގައި ދަތިކަން ހުރި މީހުންނާ ހަމައަށް ވާސިލު ނުވުމެވެ. އޭގެ ސަބަބުން، ޔަހޫދީންގެ ޙަމަލާތައް ފެށުމުގެ ކުރިން އެ ސަރަޙައްދުތައް ދޫކޮށް ދިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުޅެދިފައިވާ ކަމުގައި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
"ހިނގާބިނގާވެ ނޫޅެވޭ މީހުންނަށް ވަރަށް ނުރައްކާތެރި އަދި އަނިޔާވެރި ގޮތަކަށް އެއް ތަނުން އަނެއް ތަނަށް ދަތުުރު ކުރުމަށް މަޖުބޫރު ކުރުވަމުންދާ ކަން ރިޕޯޓުތަކުން ހާމަވޭ، އޭގެ ތެރޭގައި ވެއްޔާއި ކިސަޑުތަކުގެ ތެރެއިން ފިރުކިފައި ދިޔުމަށް މަޖުބޫރު ކުރުވުން ހިމެނޭ،" ސީޕީއާރްޑީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޔަހޫދީންގެ އަނިޔާވެރި ހިސާރާއި، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނަށް ހުރަސް އެޅުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ މީހުންގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭ ކަމުގައި ވެސް ސީއާރްޕީޑީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީ ލިބުމާއި، ދިރިހުރުމަށް ބޭނުންވާ ކާބޯތަކެއްޗާއި، ސާފު ބޯފެނުގެ އިތުރުން ގައިންތާހިރުވާނެ ގޮތެއް ހޯދުމަށް ވަނީ ދަތިވެފައި،" އެ ރިޕޯޓުގައި ބުންޏެވެ.
ޣައްޒާގައި ބިކަ ކޮށްލާފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސަައްކަތުން އދއާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް އެކަހެރިކޮށް، އެ މަސައްކަތް މިހާރު އޮތީ ޔަހޫދީންގެ އަތްދަށަަށް ބަދަލު ކޮށްފައެވެ. ޣައްޒާގައި މި ވަގުތު ކާބޯތަކެތި ބަހަމުން ދަނީ ޔަހުދީންނާ ގުޅިގެން އެމެރިކާއިން އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ންނެވެ.
ކާބޯތަކެތި ބެހުމަށް ޖީއެޗްއެފުން ޣައްޒާގައި ހަތަރު މަރުކަޒެއް ޤާއިމު ކޮށްފައި އޮތް އިރު، އޭގެ ކުރިން އދގެ ބެލުމުގެ ދަށުގައި އެ ފަދަ 400އެއްހާ މަރުކަޒު ދިޔައީ ހިންގަމުންނެވެ. އެ ހުރިހާ މަރުކަޒެއް މިހާރު ވަނީ ބަންދު ކޮށްފައެވެ. މިއީ، ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖެއްސުމަށް ޔަހޫދީންނާއި، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅިގެން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ. ޖީއެޗްްއެފްގެ މަރުކަޒުތައް ކައިރިއަށް ކާބޯތަކެތި ހޯދުމަށް ޖަމާވާ މީހުންނަށް އަމާޒުކޮށް ވެސް ޔަހޫދީ ސިފައިން ދަނީ ނިރުބަވެރި ޙަމަލާތައް ދެމުންނެވެ.
ސީއާރްޕީޑީން ބުނީ، ޣައްޒާގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ގިނަ މީހުންގެ ތެރެއިން %83 މީހުން ހިނގާބިނގާވެ އުޅުމުގައި ބޭނުން ކުރާ ވަސީލަތްތައް ގެއްލިފައި ނުވަތަ ހަލާކުވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި، އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައި އެހީއެއްގެ ގޮތުގައި ބޭނުން ކުރާ ފުރޮޅުލީ ގޮނޑިއާއި، އަސާ އަދި ގާޑިޔާ ފަދަ ތަކެތި ހިމެނެއެވެ. އަދި، އެ ފަދަ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، އެ ފަދަ ތަކެތި ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަން ވެސް ސީޕީއާރްޑީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.