ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ވޮލީބޯޅަ ކޯޗުން ތަމްރީނުކުރުމަށް ހިންގާ އެފްއައިވީބީ ލެވެލް 1ގެ ކޯޗިން ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިކޯސް ކުރިއަށްދާނީ މިމަހުގެ 15 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މިކޯހަކީ އަތޮޅުތެރޭގައި ވޮލީބޯޅަ ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށް އެހީވުމަށް ވީއޭއެމްއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކޯހެކެވެ. މިކޯހަށް ކޮންމެ ކައުންސިލަކުން އެއް ޖާގަ އަދި ކޮންމެ ސިޓީ ކައުންސިލަކަށް އެއް ޖާގަ ދިނުމަށްވަނީ ނިންމާފައެވެ.
މި ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރުކުރި 12:00 އެވެ.
ދުނިޔޭގެ ވޮލީބޯޅައިގެ ދުވަސް ފާހަގަކުރުމަށް މިއަހަރުގެ ޖުލައިމަހުގެ 7 ވަނަ ދުވަހު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ ވޮލީ ބޯޅަ މުޅި ރާއްޖެއަށް ފުޅާކޮށް ތަރައްގީކުރުމުގެ މަގްސަދުގައި އަތޮޅުތެރޭގައި އުފައްދާ އެކެޑެމީތަކަށް ތަމްރީނު ލިބިފައިވާ ކޯޗުން ފޯރުކޮށްދިނުމުގެ ގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި އެފްއައިވީބީ ލެވެލް 1ގެ ކޯހެއް ހިންގުމަށް ރާވާފައިވާކަމަށެވެ. މިކޯސް ވީއޭއެމްއިން ހިންގާނީ މޯލްޑިވްސް ނެޝަނަލް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކުކަމަށް ލަތީފް އޭރުވަނީ ހާމަކުރައްވާފައެވެ.
ލަތީފް ވިދާޅުވީ މި ކޯސް އެންމެ ބޮޑަށް ޚާއްސަކުރާނީ އަންހެން ކޯޗުން އުފެއްދުމަށްކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ކަނބަލުން މިފުރުސަތުގެ ބޭނުން ހިފާ ވޮލީގެ އައު ޖީލެއް އުފެއްދުމަށް މަސައްކަތްކޮށްދިނުމަށް ލަތީފްވަނީ އިލްތިމާސްކުރައްވާފައެވެ.