ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ތަހުޤީޤު ކުރުމަށް އެދުނު އެ ޤައުމުގެ ތިން ޖަމްޢިއްޔާއަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅައިފިއެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެެމެރިކާ މާލީ ވުޒާރާއިން ބުނީ ފަލަސްޠީނުގެ ތިން ޖަމްޢިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވަނީ ޔަހޫދީންނާ ގުޅޭ ގޮތުން އެ ޖަމްޢިއްޔާތަކުން ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު،އައިސީސީއާ ޙިއްޞާކޮށްފައިވާ މަޢުލޫމާތުގެ ސަބަބުން ކަމަށެވެ.
އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ފަލަސްޠީނުގެ ތިން ޖަމްޢިއްޔާ ކަމަށްވާ ޣައްޒާގެ ޕަލަސްޓީނިއަން ސެންޓަރ ފޮރ ހިޔުމަން ރައިޓްސްއާއި އަލް މީޒާން ސެންޓަރ ފޮރ ހިޔުމަން ރައިޓްސްގެ އިތުރުން ރާމަاللهގަ އަލްހައްޤު ޖަމްޢިއްޔާއިން ވަނީ ޔަހޫދީންގެ ޖަރީމާތައް ތަހުޤީޤު ކޮށްދިނުމަށް އައިސީސީގައި އެދިފައެވެ. 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ތިން ޖަމްޢިއްޔާއިން އެދެފައި ވަނީ ޣައްޒާގައި ޢާންމުން ގިނަ ސަރަޙައްދުތަކަށް ޔަހޫދީންގެ ވައިގެ ޙަމަލާތައް އަމާޒު ކުރުމާއި، އެ ސަހަރު ފުރަބަންދު ކުރުމާއި އެ ސަހަރުގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކުރުވުން ތަހުޤީޤު ކޮށްދިނުމަށެވެ.
އޭގެ އަހަރެއް ފަހުން އައިސީސީން ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ވަޒީރު، ޔައޯވް ގަލަންތު ހައްޔަރު ކުރުމަށް އަމުރު ނެރެފައެވެ. އެއީ ހަނގުރާމައިގެ ޖަރީމާތައް ހިންގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ތުހުމަތުގައެވެ. އެ އަމުރު ނެރުމާ ގުޅިގެންނާއި މީގެ ކުރިން އެމެރިކާގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގައި ހިންގާފައިވާ ޖަރީމާތައް ތަހުޤީޤު ކުރުމަށް އެ ކޯޓުން ނިންމުމުން، އެމެރިކާގެ ސަރުކާރުން ވަނީ އައިސީސީގެ ފަނޑިޔާރުންނާއި އެ ކޯޓުގެ އިސް ޕްރޮސެކިއުޓަރާ ދެކޮޅަށް ވެސް ފިޔަވަޅު އަޅައިފައެވެ.
2002ވަނަ އަހަރު ޤާއިމްކޮށްފައިވާ އައިސީސީގެ މެންބަރު 125 ޤައުމުގައި ހިންގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ނަސްލުހޭދު ކުރުން ތަހުޤީޤު ކުރުމުގެ އިޙްތިޞާސް އެ ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް އެމެރިކާއާއި ޗައިނާއާއި ރަޝިޔާއާއި ޒަޔަނިސްތު އިސްރާއީލު ހިމެނޭ ގޮތަށް ބައެއް ޤައުމުތަކުން އައިސީސީއަށް އެ ބާރު ލިބިގެންވާ ކަމަށް ޤަބޫލެއް ނުކުރެއެވެ.
ފަލަސްޠީނުގެ ޖަމްޢިއްޔާތަކަކާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އަޅާފައި މި ވަނީ ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރަމުންދާ ކަމަށް ނިންމޭ ވަރަށް ޤާނޫނީ ޝަރުތުތައް ފުރިހަމަވާ ކަމަށް ނަސްލުހޭދުކުރުމާބެހޭ ދުނިޔޭގެ އެންމެ ބޮޑު އިލްމުވެރިންގެ ޖަމްޢިއްޔާއިން އިޢުލާނު ކުރިތާ މާ ދުވަހެއް ނުވެއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުއެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާގެ 64،000އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 18،430 ކުޑަކުދިން ވެސް ހިމެނެއެވެ. ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި ވެސް 54 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުންދާއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން ވެސް ޣައްޒާގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވެފައިވެއެވެ.