ފަލަސްޠީނުގެ ޣައްޒާގައި ޤަތުލްޢާއްމު ހިންގައި އެ ސަހަރުގެ ރައްޔިތުން ޣައްޒާއިން ގަދަކަމުން ބޭރު ކުރުމަށް ފުރުޞަތު ނުދޭނެ ކަމަށް މިޞްރުން ބުނެފިއެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދޭން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުއެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީން ވަނީ ޣައްޒާގެ 64،000އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 18،430 ކުޑަކުދިން ވެސް ހިމެނެއެވެ. ފަލަސްޠީނުގެ ޞިއްޙީ އިދާރާތަކުން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި ވެސް 54 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅަމުންދާއިރު، ބަނޑުހައިހޫނުކަމުގެ ސަބަބުން ވެސް ޣައްޒާގައި ގިނަ ޢަދަދެއްގެ މީހުން ދަނީ ޝަހީދުވަމުންނެވެ.
ފާއިތުވި ދުވަސްތަކުގައި ޔަހޫދީންގެ ޢަމަލުތަކާ ގުޅޭގޮތުން މިޞްރުން ހަރުކަށި އިބާރާތުން ވާހަކަ ދައްކާ މިންވަރު ވަނީ އިތުރުވެފައެވެ. ފަލަސްޠީނުގެ ރައްޔިތުން ވަޒަން ދޫކޮށް ދިޔުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް މިޞްރުން ބުނެފައި މި ވަނީ ޣައްޒާ ސިޓީގެ ރައްޔިތުން ގެދޮރު ދޫކޮށް އެހެން ސަރަޙައްދަކަށް ދިޔުމަށް ޔަހޫދީން އިންޒާރު ދެމުންދާ ވަގުތެއްގައެވެ. ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ޔަހޫދީންގެ އަމުރަށް ކިޔަމަންވާން ދެކޮޅު ހަދައިފައެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން މިޞްރުގެ ޚާރިޖީ ވަޒީރު، ބަދްރު ޢަބްދުލްޢާޠީ ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ހުރަސް ނުކުރެވޭނެ ރަތް ރޮނގެއް ކަމަށެވެ. އަދި އެ ކަން އެ ގޮތަށް ހިނގައި ދިޔުމަށް މިޞްރުން ފުރުޞަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަދްރު ޢަބްދުލްޢާޠީ އިތުރަށް ވިދާޅުވީ ޣައްޒާގެ ރައްޔިތުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވުމަކީ ފަލަސްޠީނުން ހައްޤު ހޯދުމަށް ކުރާ މަސައްކަތުގެ ނިމުން ކަމަށް ވާނެ ކަމަށާއި ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރުކުރުމަށް ބާރުދޭ އެއްވެސް ޤާނޫނީ އަދި ސުލޫކީ ހުއްޖަތެެއް ނެތް ކަމަށެވެ.
ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރަމުންދާ ކަމަށް މިޞްރުން މިހާރު ކުރަމުންދާ ތުހުމަތުތައް ތަކުރާރު ކުރައްވައި ބަދްރު ޢަބްދުލްޢާޠީ އިތުރަށް ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތަކީ ޚިޔާލަށް ވެސް ނުގެނެވޭ ވަރުގެ ކަންކަން ކަމަށެވެ. ހަޤީޤަތުގައި ވެސް ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރަމުުންދާ ކަަމަށާއި ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ އަސްކަރީ ޙަރަކާތް އިތުރަށް ފުޅާކޮށް މުޅި ޣައްޒާ ޔަހޫދީންގެ ބާރުގެ ދަށަށް ގެނެސް އިސްތިޢުމާރު ކުރާނެ މިދިޔަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ޒަޔަނިސްޓު އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ވަނީ އިޢުލާނު ކޮށްފައެވެ. ޣައްޒާ ސިޓީގެ 40 އިންސައްތަ ޔަހޫދީންގެ ބާރުގެ ދަށުގައި މިހާރު އޮތް ކަމަށް ބެލެވޭއިރު، ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން މުޅި ސަހަރު ވަނީ ސުންނާފަތިވެ ހަނަފަސްވެފައެވެ. ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ދިރިއުޅެމުންދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައެވެ.