އެމެރިކާގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް ކާލޯސް އަލްކަރާޒް ހޯދައިފި އެވެ.
ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ދެވަނަ އަށް ސީޑު ކޮށްފައިވާ އަލްކަރާޒް މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ސަރބިޔާގެ ނޯވަކް ޖޮކޮވިޗް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ހައެއް ހަތަރެއް, ހަތެއް ހައެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
2022 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދާފައިވާ އަލްކަރާޒް އާއި ދެކޮޅަށް ޖޮކޮވިޗް ކުޅުނު މި މެޗުގެ ޓިކެޓްތައް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެއްކޮށް ހުސްވެފައިވާއިރު, އެންމެ ފަހުން މި ދެ ކުޅުންތެރިން ބައްދަލުކުރި ދެ މެޗުވެސް ކާމިޔާބު ކޮށްފައިވަނީ ޖޮކޮވިޗް އެވެ. އޭގެ ތެރޭގައި މި އަހަރުގެ ކުރީކޮޅު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުގައި ބައްދަލުކުރި މެޗުވެސް ހިމެނެ އެވެ.
މި މުބާރާތުގެ ފައިނަލުގައި އަލްކަރާޒް އާއި ދެކޮޅަށް ކުޅޭނެ ކުޅުންތެރިއެއް އެނގިގެންދާނީ އިޓަލީގެ ޔަނިކް ސިނާ އާއި ފެލިކްސް އޯގާ އެލިއަސީމް ބައްދަލުކުރާ މެޗަށްފަހުގަ އެވެ.