ޚަބަރު

ހަނގުރާމައަށްފަހު ޔޫކްރެއިނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން 26 ޤައުމަކުން ތައްޔާރު


ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމުން ޔޫކްރެއިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ގެރެންޓީ ފޯޜުކޮށްދޭނެ ކަމަށް 26 ޤައުމަކުން ބުނެފިއެވެ.

ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހު ޔޫކްރެއިނަށް ވާގިވެރިވާ 35 ޤައުމަކުން ވަނީ ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގެ މަޤްސަދަކީ ހަނގުރާމައަށްފަހު ޔޫކްރެއިންގެ ރައްކާތެރިކަން ކަށަވަރުކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކޮށް އެ ކަމާ ގުޅޭ ނިންމުންތައް ނިންމައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުން އެހީތެރިކަމަށް އެދުމެވެ.

އެ ގޮތުން ޔޫކްރެއިނަށް ޤައުމުތަކުން ސިފައިން ފޮނުވައި ބައިނަލްއަޤްވާމީ އަސްކަރީ ފައުޖެއް އެ ޤައުމުގައި ޤާއިމްކުރުމަށް އެ ބައްދަލުވުމުގައި ނިންމާފައިވެއެވެ. އެ ނިންމުމުގެ ދަށުން އެއްގަމާއި ކަނޑާއި ވައިގެ ސިފައިން ޔޫކްރެއިންގައި ޤާއިމް ކުރާނެއެވެ. އެ ފަދަ އަސްކަރީ ފައުޖެއް ޤާއިމްކުރުމުގެ ބޭނުމަކީ ރަޝިޔާއިން ޔޫކްރެއިނަށް އަލުން ޙަމަލާ ދިނުން ހުއްޓުވުމާއި، ޔޫކްރެއިންގެ ނުތަނަސްކަން ކުޑަކޮށްދިނުމެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ އަވަސް މުސްތަޤުބަލެއްގައި ނިމުމަކަށް އަންނާނެ ކަމަށް އަދި ނުބެލެވޭއިރު، ޔޫކްރެއިންއަށް ވާގިވެރިވާ ވިލާތުގެ ޤައުމުތަކުން ބުނަމުން ދަނީ ހަނގުރާމަ ނިމުމަކަށް އައުމަށް އަންނަ ދުވަހަކަށް އެ ޤައުމުތަކުން ދުރާލައި ތައްޔާރުވެ އޮންނަން ބޭނުންވާ ކަމަށެެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަރަންސޭސީވިލާތުގެ ރައީސް އެމަނުއަލް މެޚްރޮން ވިދާޅުވީ 2022ވަނަ އަހަރުން ފެށިގެން ރަޝިޔާއާ ޔޫކްރެއިން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އަންނަ ދުވަހު، ޔޫކްރެއިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމާފައިވާ ނިންމުންތައް ވަގުތުން ތަންފީޒު ކުރާނެ ކަމަށެވެ.

ޔޫކްރެއިނަށް ފޮނުވާ ފައުޖުގައި ބައިވެރި ކުރުމަށް ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ސިފައިން ފޮނުވާނެ ކަމަށް ވަނީ ބުނެފައެވެ. އެ ޤައުމުތަކުގެ އިތުރުން ދެން ސިފައިން ފޮނުވާނީ ކޮން ޤައުމުތަކަކުން ކަން މެޚްރޮން ހާމަކުރައްވައިފައެއް ނުވެއެވެ. ބައެއް ޤައުމުތަކުން ހުށަހަޅާފައި ވަނީ ސިފައިން ފޮނުވުމުގެ ބަދަލުގައި އެހެނިހެން ނުސީދާ މަގުމަގުން އެހީތެރިކަން ފޯރުކޮށްދޭށެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ ސިފައިން ތަމްރީންކޮށްދިނުން ހިމެނެއެވެ. ޖަރުމަނުވިލާތާއި އިޓަލީވިލާތާ ދެ ޤައުމުން ވެސް ބުނީ އެ ދެ ޤައުމުން ސިފައިން ފޮނުވުން ބަރޯސާ ވަނީ އެމެރިކާއިން އެ މަޝްރޫޢުގައި ބައިވެރިވާ މިންވަރު ހިމެނޭ ގޮތަށް އެފަދަ އެހެން ޝަރުތުތަކުގެ މައްޗަށް ކަމަށެވެ.

އެ ބައްދަލުވުމަށް ފަހު މެޚްރޮން ވަނީ ވިލާތުގެ ޤައުމުތަކުގެ އެހެން އިސްވެރިންނާއި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީއާއެކު ހުންނަވައި ޓްރަމްޕްއާ ގުޅުއްވައި ޔޫކްރެއިންއަށް ރައްކާތެރިކަން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. މެޚްރޮން ވިދާޅުވީ ޔޫކްރެއިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަން ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާނެ ކަމަށެވެ.

ޓްރަމްޕްއާ ގުޅުެއްވުމުން އޭނާ ވިދާޅުވީ ވިލާތުގެ ޤައުމުތަކުން ރަޝިޔާއިން ތެޔޮ ގަތުން ހުއްޓައިލަންޖެހޭ ކަމަށާއި، ރަޝިޔާގެ ތެޔޮ ގަތުމަކީ ރޫކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމައަށް ދެވޭ މާލީ އެހީތެރިކަމެއް ކަމަށެވެ. އޭގެ އިތުރުން ރަޝިޔާއަށް ޗައިނާއިން ވާގިވެެރިވަމުންދާތީ، ޗައިނާއާ ދެކޮޅަށް އިޤްތިޞާދީ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. މެޚްރޮން ވިދާޅުވީ ވިލާތުގެ ޤައުމުތަކާއި އެމެރިކާއިން އެ ދާއިރާތަކުން އިތުރަށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.