ޚަބަރު

ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފާއެކު އިލާން ތާރީޚުގެ ތެރެއަށް


ޒުވާން ފޯވާޑް އިލާން އިމްރާން އެންމެ 16 އަހަރުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު ފުރަތަމަ މެޗާއެކު އޭނާއަށް އަންނަނީ ތައުރީފު އޮހެމުންނެވެ. ޒުވާން ގައުމީ ޓީމުން ފާހަގަކުރެވުނު ހުނަރުވެރި އިލާންއަށް ސީނިއަރ ގައުމީ ޓީމުން ފުރުސަތު ލިބުނީ އައު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ޓީމާ ހަވާލުވިފަހުންނެވެ.

ސީނިއަރ ޓީމަށް އިލާން ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ކުޅެން އެރުވި އިލާން ވަނީ ފަހު ވަގުތު ލަންކާ ކުޅުންތެރިން އަތުން ބޯޅަ ހޯދައިގެން ގޮސް، ގޯލް އޭރިއާ ތެރޭގައި ހުރި އަލީ ފާސިރު (ސެންޓޭ) އަށް ދިން ބޯޅައަކުން ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އިލާން އަކީ ސީނިއަރ ގައުމީ ޓީމަށް ގުޅުނު އެންމެ ހަގު ކުޅުންތެރިޔާއެވެ. މީގެ ކުރިން އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑު ދަމަހައްޓަމުން އައީ ސިންގަޕޫރާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗެއްގައި ގައުމީ ޓީމަށް ކުޅުނު ބުރު ސްޕޯޓްސް ކުލަބުގެ 17 އަހަރުގެ އަބްދުﷲ ޔާމީންއެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީނިއަރ ޓީމުގައިވެސް ހިމެނޭ އިލާން ވަނީ 16 އަހަރުގައި ގައުމީ ޓީމުން ޖާގަ ހޯދައި، އޭނާ ކުޅުނު ފުރަތަމަ މެޗުން ރާއްޖެ 3-0 ލަންކާގެ މައްޗަށް ކުރި ހޯދުމުގައިވެސް މުހިންމު ދައުރެއް އަދާކޮށް، ތާރީޚުން ޖާގަ ހޯދާފައެވެ.

އިލާން ވަނީ ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން އަދާކޮށް، ޒުވާން ޓީމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. ގައުމީ ޓީމުގައި މި ވަގުތު ހުރި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑާއެކު އިލާން ވަނީ އުމުރުން 14 އަހަރުގައި ކުލަބު ވެލެންސިއާއަށް ކުޅެ، ފުރަތަމަ ޑިވިޝަނުގައި ލަނޑު ޖަހައި، ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން އެންމެ ހަގު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.