އަގުއެއްކޮށްގެން ދަނޑުވެރިކަމުން ތަކެތި އުފެއްދުމަށް ށ. ގޮއިދޫގައި ޚާއްސަ ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މިމަސައްކަތަކީ ޔޫއެންޑީޕީން ޖަޕާނު ސަރުކާރުގެ އެހީއާއި ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ "ލައިވްލިހުޑް އެންހޭންސްމަންޓް އޮފް ސްމޯލް ސްކޭލް ފާރމާސް އިން ސާރކް ރީޖަން ތްރޫ ސްމޯލް ސްކޭލް އެގްރޯބިޒްނަސް ފޯކަސިން އޮން ވެލިޔު ޗެއިން ޑިވެލޮޕްމަންޓް" ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންނާއި އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، އިމްޕޯޓަށް ބަރޯސާވުން މަދުކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތައް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން މި އަމާޒަށް ވާސިލްވުމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
އެގޮތުން އަގުއެއްކޮށްގެން ދަނޑުވެރިކަމުން ތަކެތި އުފެއްދުމަށް ގޮއިދޫގައި ޚާއްސަ ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ފެސިލިޓީއަކީ ދަނޑުވެރިކަމުން އުފައްދާތަކެއްޗައް އަގުއެއްކޮށް އިތުރު އުފެއްދުންތައް އުފެއްދުމަށް ޤާއިމްކުރާ ފެސިލިޓީއެއްކަމަށެވެ. މިފަދަ އުފެއްދުންތައް ކުރިއެރުވުމުގެ ސަބަބުން، ދިވެހި ދަނޑުބިންތަކުގައި ހައްދާ ކާބޯތަކެތީގެ ބާވަތްތައް ބައިނަލްއަޤްވާމީ މާކެޓްތަކުގައި، ވިއްކުމުގެ ފުރުސަތު ލިބުމަށް މަގުފަހިވެގެންދާނެކަމަށެވެ.
ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ފެސިލިޓީއާއެކު ގޮއިދޫގެ ދަނޑުވެރިންނަށް ދަނޑުވެރިން އުފައްދާތަކެއްޗައް ހަމައަގު ލިބި އާމްދަނީ ލިބުމުގައި އިތުރު މަގުތައް ފަހިވެގެންދާނެކަމަށެވެ. މި ފެސިލިޓީގެ މަސައްކަތް މިހާރު ނިމި ފެސިލިޓީއަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ފުރަތަމަ އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ރަށަކީ ށ. ގައިދޫއެވެ. މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ސެޓްފިކެޓަކީ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ފައިދާތައް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތަޢާރަފުކުރެވުނު ސްކީމެކެވެ.