ނިއުކާސަލްގެ ފޯވަޑް އެލެގްޒެންޑާ އިސާކް ވަނީ މި ހަފުތާގެ ކުރީކޮޅު އިނގިރޭސި ރެކޯޑް ފީ އެއްގައި ލިވަޕޫލަށް ސޮއިކޮށްފަ އެވެ.
އިނގިރޭސި ޗެމްޕިއަން ޓީމަށް އޭނާ ސޮއިކުރީ 150 މިލިއަން ޔޫރޯ އަށެވެ. މިއީ އިނގިރޭސި ޓީމަކުން ކުޅުންތެރިއަކު ގަތުމަށް މިހާތަނަށް ހޭދަކުރި އެންމެ ބޮޑު އަދަދެވެ. މި ހުރިހާ ފައިސާއެއް ވަންނަނީ ނިއުކާސަލްގެ ބޭންކް އެކައުންޓަށް ހެއްޔެވެ؟
ސްވިޑްންގެ ފޯވަޑް އިސާކަކީ މީގެ ކުރިން ސްޕޭނުގެ ރެއާލް ސޮސިއެޑާޑްގެ ކުޅުންތެރިއެކެވެ. އޭނާ 2022 ވަނަ އަހަރު ނިއުކާސަލް އަށް ބަދަލުވީ ސޮސިއެޑާޑުންނެވެ. އެއީ 70 މިލިއަން ޔޫރޯގެ ޓްރާންސްފާ އެއްގަ އެވެ. އެގްރީމަންޓް ބުނާ ގޮތުން ނިއުކާސަލްއިން އޭނާ ވިއްކާލާނަމަ އޭގެ ބައެއް ސޮސިއެޑާޑަށް ލިބެން ޖެހެ އެވެ.
ނިއުކާސަލް އަށް ނުކުޅެން ގަދަ ހަދައި ޕްރެކްޓިހުގައި ބައިވެރިނުވެ އޭނާ އެންމެ ފުރަތަމަ މަޑުކުރީ ވެސް ސޮސިއެޑާޑްގެ ޓްރޭނިން ސެންޓަރުގަ އެވެ. އެކަމަށް އަގު ވެސް ދައްކަން ޖެހުނެވެ.
ސްޕޭނާއި އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ލިވަޕޫލުން ހޭދަކުރި 150 މިލިއަން ޔޫރީގެ ތެރެއިން އަށް މިލިއަން ވަންނާނީ ސޮސިއެޑާޑްގެ ބޭންކް އެކައުންޓަށެވެ. އެއީ ކުޅުންތެރިޔާ ނިއުކާސަލްގައި ދައްކާ ކުޅުމެއްގެ ސަބަބުން އަދި އެހެން ކުލަބަކުން އޭނާ ގަންނަ ކަމަށްވާނަމަ އެ އަގުގެ 10 ޕަސެންޓް އެ ކުލަބަށްދޭން ޝަރުތުކޮށްފައިވާތީ އެވެ.
އިސާކް އަކީ ހުސްވި ސީޒަނުގައި އިނގިރޭސި ލީގުގެ އެންމެ ވިދުންގަދަ ފޯވަޑެވެ. އޭނާ އެންމެ ކުޅެން ބޭނުންވާ ޓީމަކީ ލިވަޕޫލެވެ. މިހެންވެ ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ ހުރީ މި ސީޒަނުގައި ނިއުކާސަލްގެ ޖާޒީ ބާލަން ނިންމައިގެންނެވެ.