ޚަބަރު

މާލީ ހަރުދަނާ ފިޔަވަޅުތަކާއެކު ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު އިތުރު


  • މިއަހަރުގެ ޖެނުއަރީން އޮގަސްޓްގެ ނިޔަލަށް 73 މިލިޔަން ޑޮލަރު ވިއްކި

  • މިއީ ވިޔަފާރިތަކުން އެދުނު މިންވަރުގެ %30އާއި %50އާ ދެމެދުގެ އަދަދެއް

ސަރުކާރުން އެޅި މާލީ ހަރުދަނާ ފިޔަވަޅުތަކާ އެކު މިއަހަރުގެ މިހާތަނަށް ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު، އިތުރުވެފައިވާކަން ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސަރުކާރުން ވަނީ ބޭރުފައިސާއާ ބެހޭ އައު ޤާނޫނެއް އެކުލަވާލައި، ޑޮލަރު ރިޒަރވް އިތުރުކުރުމަށް މުހިންމު ނިންމެވުންތަކެއް ނިންމަވާފައެވެ.

ބީއެމްއެލްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް ވިޔަފާރިތަކަށް ވިއްކީ 69 މިލިޔަން ޑޮލަރެވެ. މިއީ ޑޮލަރަށް އެދި ވިޔަފާރިތަކުން ހުށައެޅި މިންވަރުގެ 5 އިންސައްތައާއި 10 އިންސައްތައާ ދެމެދު މިންވަރެކެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޑޮލަރު ވިއްކި އަދަދު 73 މިލިޔަން ޑޮލަރަށް ވަނީ އިތުރުވެފައެވެ. މިއީ ޑޮލަރަށް އެދި ވިޔަަފާރިތަކުން ހުށައެޅި މިންވަރުގެ 30 އިންސައްތައާއި 50 އިންސައްތައާ ދެމެދު މިންވަރެއްކަން ފާހަގަކޮށްލެވެއެވެ.

ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނާއެކު ޑޮލަރުގެ ރިޒަރވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަނީ އިތުރުވެފައެވެ. އަދި ރިޒާވް ބޭންކް އޮފް އިންޑިއާ އެކު ރާއްޖެއިން ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރު ކަރަންސީ ސްވޮޕަކީވެސް މިއަހަރު ތެރޭގައި ރިޒާވަށް ހެޔޮ ބަދަލެއް އައި ސަބަބެއްކަމަށް އެމްއެމްއޭއިން ވިދާޅުވެފައިވެއެވެ.

އައު ޤާނޫނުގެ ދަށުން ލިބޭ ޑޮލަރުގެ 30 އިންސައްތަ ބޭނުންކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ބޭންކިންގ ނިޒާމުގެ ތެރެއިން އާންމުންނަށެވެ. މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ އެހީތެރިކަން ދިނުމުގެ ގޮތުން ޓީޓީ ސަޕޯޓު ނުވަތަ ވިޔަފާރިތަކަށް ގަންނަން ބޭނުންވާ މުދާ ގަތުމަށް ޑޮލަރު ސަޕޯޓުދޭ މިންވަރު އިތުރުކުރުމަކީ މިގޮތުން އެޅި ފިޔަވަޅެކެވެ.