މިހާރު ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތުގައި 320 ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ޒުވާން ކުޅުންތެރިން ހިމެނޭކަމީ ވަރަށް ބޮޑު އުފަލެއް ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ސްޕޯކްސްޕާސަން ހުސެއިން ސަނީފް ބުނެފިއެވެ.
މި މަހުގެ 4-23 އަށް ކުރިޔަށްދާ ގައުމީ ބިލިއާޑް މުބާރާތުގައި ޓީމު އިވެންޓެއްގެ ގޮތުގައި ޔޫތް ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ތެރެއިން ވަރަށް ޒުވާން ޓީމެއް ވާދަކުރަމުން އަންނަ ކަމަށް ސަނީފް ބުންޏެވެ. އެއީ ރާއްޖޭގެ ބިލިއާޑްގެ މުސްތަގްބަލަށް އޭގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށް ގަބޫލު ކުރާކަމަށް ސަނީފް ބުންޏެވެ.
ސަނީފް ބުނީ އެޓީމުގައި ތިބީ 13 އަހަރުން ފެށިގެން 23 އަހަރާއި ދެމެދުގެ ކުޅުންތެރިންކަމަށާއި މިކުޅުންތެރިންނަށް ތަޖްރިބާކާރު ކުޅުންތެރިންނާއެކު ކުޅުމުގެ ސަބަބުން ލިބޭ ތަޖްރިބާއާއި އެކު މޮޅުވެގެންދާނެ ކަމަށް ގަބޫލުކުރާކަމަށެވެ.
މި މުބާރާތުގައި ފުރަތަމަ ޑިވިޝަންގެ ސިންގަލްސް އާއި ޑަބަލްސް އަދި ދެވަނަ ޑިވިޝަންގެ ސިންގަލްސް އާއި ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިވެންޓުގެ ކުޅުން ކުރިއަށްދާނެއެވެ. އަދި ކުލަބު ޖަމްއިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ ޓީމު އިވެންޓްވެސް މިއަހަރުގެ މުބާރާތުގައި ހިމެނެއެވެ. މި އިވެންޓުގައި ރާއްޖޭން ބޭރުގެ ކުޅުންތެރިންވެސް ވާދަކުރާނެއެވެ.
ބޭރު ގައުމުތަކުގެ ކުޅުންތެރިން މި މުބާރާތުގައި ވާދަކުރުމަކީ ދިވެހި ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ލިބިގެންދާ ފުރުސަތެއް ކަމަށްވެސް ސަނީފް ހާމަކުރިއެވެ.
އަދި ބޭރު ގައުމުތަކުގެ ޕްރޮފެޝަނަލް ކުޅުންތެރިން ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއަހަރުގެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ފެންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ސަނީފް ބުންޏެވެ.
30 ހާސް ރުފިޔާއިން ފެށިގެން 15 ހާސް ރުފިޔާ އާއި ދެމެދުގެ ފައިސާ އިނާމުތައް ކަނޑައެޅިފައިވާ މި މުބާރާތުގެ ކުޅުން ކުރިޔަށްދަނި މާލޭ ޕޫލް ބިލިއާޑް ހޯލުގައެވެ. 7 ކެޓަގަރީއަކުން ކުޅުންތެރިން ވާދަކުރާ މި މުބާރާތަކީ މި އަހަރުގެ އެންމެ ބޮޑު މުބާރާތެކެވެ.