ސްޕެއިންގެ ބަނދަރުތަކާއި ވައިގެ ސަރަޙައްދު ބޭނުންކޮށްގެން ޔަހޫދީ ރަށްތަކަށް ހަތިޔާރު ނުއުފުލޭނެ ކަމަށް އެ ޤައުމުން އިޢުލާނުކޮށްފިއެވެ. ސްޕެއިންއިން އެ ފަދަ ނިންމުމެއް ނިންމާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން މެދުކެނޑުމެއް ނެތި ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ސަބަބުންނެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްޕެއިނުން ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެެއްގެ ގޮތުަގައި ރަސްމީކޮށް ބަލައިގެންފައެވެ. އެ ޤައުމަކީ ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް ޔަހޫދީންނާ ދެކޮޅަށް އަޑުއުފުލައި ޤައުމެކެވެ.
ސްޕެއިންގެ ބަނދަރުތަކާއި ވައިގެ ސަރަޙައްދު ބޭނުންކޮށްގެން ޔަހޫދީ ރަށްތަކަށް ހަތިޔާރު އުފުލުން އެ ޤައުމުން މަނާކޮށްފައިވާއިރު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީންދޭ ޙަމަލާތަކުގައި ސީދާ ބައިވެރިވުން އޮންނަ އެއްވެސް ފަރާތަކަށް ސްޕެއިންއަށް އެތެރެ ނުވެވޭނެ ކަމަށް ވެސް އެ ޤައުމުން ވަނީ ނިންމައިފައެވެ.
ޣައްޒާއަށް އަމާޒުކޮށް ޔަހޫދީން ޙަމަލާ ދޭން ފެށި ފަހުން ޔަހޫދީން ވަނީ މިހާތަނަށް ޣައްޒާގެ 64،000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމް ކުޑަކުދިންނެވެ. ޙަމަލާތަކުގައި މުޅި ޣައްޒާ ސުންނާފަތިވެފައިވާއިރު، ޔަހޫދީން މިހާރު ދަނީ ޣައްޒާއަށް ކާބޯތަކެތި ވެެއްދުމަށް ދަތިކޮށް، އެ ސަހަރުގެ ރައްޔިތުން ގަސްދުގައި ބަނޑަށް ޖައްސަމުންނެވެ.