ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެ ޤައުމުގެ ރައްޔިތުން ފެނަށް ޖެހޭ މިންވަރު ބޮޑުތަނުން އިތުރުވެއްޖެއެވެ.
ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެން ލިބޭ މަގުތަކަށް އެ ސަރަޙައްދުގައި ދިރިއުޅޭ ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އޭގެ ސަބަބުން ގޭގެއަށް ފެން ނުލިބި، ދަނޑުބިންތަކަށް ފެން ފޯރުކޮށްދޭ މަގުތައް ވެސް ވަނީ ބަންދުވެފައެވެ.
ހުޅަނގު އައްސޭރީގައި އޮންނަ ރާމަاللهގައި ވެސް ފެން ލިބުން ދަތިވެގެން އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމުން ފެން ހޯދަނީ އާއްމު އިސްކުރުބަރިތަކުންނެވެ. ބައެއް ޢާއިލާތަކުން ބުނީ އެ މީހުންގެ ގޭގެއަށް ފެންފޮދެއް ލިބެނީ ހަފްތާއަކު ދެ ދުވަހު ކަމަށެވެ. އެއާއެކު ފެން ހޯދުމަށް އާއްމު އިސްކުރުަބަރިތައް ދޮށަށް ޖަމާވުމަށް އެ މީހުންނަށް ވަނީ މަޖުބޫރުވެފައެވެ.
އދން ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރީގެ ފެން ވަޅުތަކާއި ހޮޅިތަކާއި ފެން ދައުރުކުރާ ނިޒާމުތަކަށް އަމާޒުކޮށް ޔަހޫދީން 62 ޙަމަލާއެއް ދީފައިވާ ކަމަށް ބުނެފައެވެ. ސާފު ތާޒާ ފެން ލިބޭ ފެން އާރުތަކާއި ފެން ބަހައި މަރުކަޒުތަކަށް ވެސް ވަޒަންވެރިންގެ ދުއްތުރާ ދަނީ ފޯރަމުންނެވެ. ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގެ ޤުދުރަތީ ފެން އާރުތަކަށް ވެރިވެގަނެ، އެ އާރުތައް ފަލަސްޠީނުގެ ރައްޔިތުން ބޭނުން ކުރުން ހުއްޓުވަމުންނެވެ.