ފަރަންސޭސިވިލާތުގެ އައު ބޮޑުވަޒީރުގެ މަޤާމަށް އެ ޤައުމުގެ ރައީސް އެމަނުއަލް މެޚްރޮންގެ އަރިސް ބޭފުޅެއް ކަމަށްވާ ސަބޭސްޝަން ލެކޯނޫ ޢައްޔަނު ކޮށްފިއެވެ. ފަރަންސޭސިވިލާތަށް އައު ބޮޑުވަޒީރެއް ޢައްޔަނުކޮށްފައި މި ވަނީ ފުޅާ ޙަރަކާތެއްގެ ދަށުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި މުޒާހަރާތައް ބާއްވަން ފަށާފައި ވަނިކޮށެވެ. ލެކޫނުއަކީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރާ ފަސްވަނަ ބޭފުޅެވެ.
ދިފާޢީ ވަޒީރުގެ މަޤާމުގައި ހުންނެވި ލެކޯނު ބޮޑުވަޒީރުގެ މަޤާމަށް ޢަައްޔަނުކޮށްފައި ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޭނާގެ ކުރިން ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ފްރަންކޮއިސް ބޭރޫގެ ސަރުކާރު ނިމުމަކަށް އައުމާ ގުޅިގެންނެވެ. މެޚްރޮންއަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ލެކޯނުއާ ޙަވާލުކޮށްފައިވާ މައިގަނޑު މަސައްކަތަކީ މެޚްރޮން ގެންނަވަން ބޭނުންފުޅުވާ އިޞްލާޙީ ބަދަލުތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމެވެ. އެ ސިޔާސަތުގެ ތެރޭގައި ވިޔަފާރި ކުންފުނިތަކާ ރައްޓެހި ސިޔާސަތުތައް ކަމަށްވާ ޓެކްސް ނަގައި މިންވަރު ދަށް ކުރުމާއި ސަރުކާރުގެ މަޤާމަކުން ރިޓަޔަރ ކުރެވޭ އެންމެ ދޮށީ އުމުރަށް ބަދަލު ގެނައުން ހިމެނެއެވެ. ލެކޯނުއަށް ކުރިމަތިވާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ 2026ވަަނަ އަހަރުގެ ބަޖެޓާމެދު އެއްބަސްވުމަކާ ހަމައަށް އައުމެވެ. ފަރަންސޭސިވިލާތުގެ ޑެފިސިޓް މިހާރު ހުހީ ގާތްގަނޑަކަށް ހައެއް އިންސައްތައިގައެވެ.