ވެސްޓް ހޭމް ޔުނައިޓެޑް އިން މިދިޔަ ޖޫން މަހު ދޫކޮށްލި ގޯލުކީޕަރު ލޫކަސް ފަބިއާންސްކީ އަލުން އެ ޓީމަށް ސޮއި ކޮށްފި އެވެ.
ޕޮލެންޑަށް އުފަން އުމުރުން 40 އަހަރުގެ ފަބިއާންސްކީ އާއިއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭނާ ވަނީ މިދިޔަ ޖޫން މަހު އެ ކްލަބުން ދޫކޮށްލާފަ އެވެ.
2018 ވަނަ އަހަރު ސްވަންސީ ސިޓީ އިން ވެސްޓް ހޭމް އާއި ގުޅުނު ފަބިއާންސްކީ އަލުން އެ ޓީމާއި ގުޅިފައިވާއިރު މި ސީޒަން ފެށުމުގެ ކުރިން ލެސްޓަރ ސިޓީ އަށް ކުޅެމުން އައި މެޑްސް ހަރމަންސެން 20 މިލިއަން ޕައުންޑަށް ވެސްޓްހޭމް އަށް ވަނީ ގެނެސްފަ އެވެ. ނަމަވެސް މި ސީޒަނުގައި އެ ކްލަބުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު މޮޅުވެފައިވަނީ އެއް މެޗުންނެވެ.
ވެސްޓް ހޭމް އާއި އަލުން ގުޅުމަށްފަހު ފަބިއާންސްކީ ބުނެފައިވަނީ އަލުން ވެސްޓް ހޭމް އާއި ގުޅުމުން އެކަމާ އުފާ ކުރާ ކަމަށެވެ.
"އަލުން އަނބުރާ މި ކްލަބަށް އާދެވުމުން އަހަރެން ވަރަށް އުފާ ކުރަން އަދި މިއީ އަހަރެންގެ ހިތުގައި ހާއްސަ ކަމެއް ދެވިފައިވާ ކްލަބެއް." ފަބިއާންސްކީ ބުންޏެވެ.
"އަހަރެން އަބަދުވެސް ބަލާނީ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ޓީމުގެ މަސްލަހަތަށް. ފާއިތުވެދިޔަ ދުވަސްތަކުގައި އަހަރެންނަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި އަހަރެންނަށް ރަގަޅު ކަންތައްތަކެއް މި ކްލަބަށް ކޮށްދެވޭނެ ކަމަށް ގަބޫލު ކުރަން." ފަބިއާންސްކީ އިތުރަށް ބުންޏެވެ.
ވެސްޓް ހޭމްގެ ކޯޗު ގްރަހަމް ޕޮޓަރ ބުނެފައިވަނީ ފަބިއާންސްކީ އަލުން އެ ޓީމާއި ގުޅުމުން އެކަމާ އުފާ ކުރާ ކަމަށެވެ. އަދި އޭނާ އަކީ އެ ކްލަބަށް މިވަގުތު ބޭނުންވެފައިވާ ރޯލަށް އެންމެ އެކަށީގެންވާ އެއް ކުޅުންތެރިޔާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.