ޚަބަރު

ވިއެޓްނާމް ބޯޓެއް ފުވައްމުލަކު ފަރަށް އަރައިފި


ވިއެޓްނާމްގެ މުދާ އުފުލާ ބޯޓެއް ފުވައްމުލަކު ހުޅަނގު ދެކުނު ފަރާތު ފަރުމައްޗަށް އަރައިފިއެވެ. 

އެމްއެންޑީއެފް ކޯސްޓްގާޑުން މަޢުލޫމާތުދެއްވާގޮތުގައި އިއްޔެ ހަވީރު ތިންގަޑި ސާޅީސްފަހެއްހާއިރު ޏ.ފުވައްމުލަކު ހުޅަނގު ދެކުނު ފަރާތު ފަރުމައްޗަށް އަރާފައިވަނީ ވިއެޓްނާމްގެ "އެމްވީ އެންޖީއޯސީ ސަން" (MV NGOC SON) ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. އަދި މި ބޯޓު ފަރަށް އެރިއިރު 20 ފަޅުވެރިން ބޯޓުގައި ތިއްބިކަމަށާއި މި ހާދިސާގައި ބޯޓުގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.  

img:http://s2.psmnews.mv/images/660x400/14711524600330.jpg|ފުވައްމުލަކު ފަރަށް އަރާފައި އޮތް ބޯޓު / ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އެބޯޓަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. 

img:http://s1.psmnews.mv/images/660x400/14711525064855.jpg|ބޯޓު ފަރަށް އަރާފައި އޮތް ސަރަޙައްދު / ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން މަޢުލޫމާތުދެއްވާ ގޮތުގައި އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެއަށް މުދާ ބަރުކޮށްގެން މިމަހު 8 ވަނަ ދުވަހު މާލެ ބަނދަރަށް ވަދެ ކްލިއަރެންސް ހޯދުމަށްފަހު ފުވައްމުލަކަށް ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރަމުންދިޔަ މި ބޯޓަކީ ދިގުމިނުގައި 102.79 މީޓަރު ހުރި އަދި ފުޅާ މިނުގައި 17 މީޓަރު ހުރި ބޯޓެކެވެ.