ޚަބަރު

ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ހެޔޮ އަގުގައި ލިބޭނެކަން އެސްޓީއޯއިން ކަށަވަރުކުރަނީ


  • އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ރިވިއުއެއް ހަދާނެ

  • ކޮންމެ ބާވަތަކުން އެންމެ ގިނައިން ބޭނުންކުރާ 10 ތަކެތި އެތެރެކުރަނީ

ރައީސްގެ ނިންމެވުމާއި އެއްގޮތަށް އަސާސީބާވަތް ތަކުގެ ތަރޭގައި ހިމެނޭ ހަނޑޫ،ހަކުރު އަދި ފުށުގެ ތެރެއަށް އިތުރުވެގެންއައި 10ބާވަތުގެ މޭވާ، 10ބާވަތުގެ ތަރުކާރީ އަދި ކާށި،މުގު،ކުކުޅުބިސް ހެޔޮއަގުގައި ލިބޭނެ މަގުފަހިވެގެންދާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހެޔޮ އަގެއްގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމަވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ރިވިއުއެއް ހެދުމަށް އެކަށީގެންވާ މަސައްކަތްތަކެއްކޮށްފައިނުވާ ކަމަށެވެ. އޭގެ ސަބަބުން ހެޔޮ އަގުގައި ޢާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ރައްޔިތުންނަށް ލިބުމުގައި ދަތިތައް ހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މިކަން ބަދަލުކޮށް، ހެޔޮ އަގެއްގައި ކާބޯތަކެތި ލިބޭނެކަން ޔަޤީންކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ޢާންމުކޮށް ބޭނުންކުރާ ތަރުކާރީއާއި މޭވާގެ ލިސްޓު އަހަރަކު އެއް ފަހަރު ރިވިއުކުރާނެ ކަމަށެވެ. ރިވިއުކުރުމަށްފަހު އެތެރެކުރާނީ އެންމެ ގިނައިން ބޭނުންކުރާ 10 ބާވަތުގެ ކާބޯތަކެތީގެ ބާވަތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރިވިއުކުރާނީ އަހަރުން އަހަރަށް. ނަމަވެސް އެއަށްވުރެ ކުރިންވެސް ރިވިއުކޮށްފާނެ. 10 މޭވާއި 10 ތަރުކާރީގެ އިތުރުންވެސް ހަނޑޫ، ހަކުރު ފުށާއި މުގު، ބިސް، އަލުވި އެތެރެކުރަމުންދާނީ. އަދި ބާޒާރުގައި އަގު ހެޔޮކޮށް ވިއްކަމުންދާނީ."

ހެޔޮ އަގެއްގައި ކާބޯތަކެތި ފޯރުކޮށްދީ، ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިއީ ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ލުއިތައް ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސް ނިންމެވި މުހިންމު ނިންމެވުމެކެވެ.