ޚަބަރު

ރާއްޖޭގެ ގާލް ގައިޑުގެ މެންބަރުންނާ ރައީސުލްޖުމްހޫރިޔާގެ އަނބިކަނބަލުން ބައްދަލުކުރައްވައިފި


  • ގައިޑު ހަރަކާތްތައް ހިންގުމަށް ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި

ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ކަމަށް އަލަށް ހޮވި ވަޑައިގެންނެވި، ނިޢުމާތު ޝަފީޤާއި، ދިވެހިރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ މެންބަރުންނާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ނިޢުމާތު ޝަފީޤު، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރގެ މަޤާމަށް ހޮވިވަޑައިގަތުމުން މަރުޙަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި، ރާއްޖެފަދަ ކުޑަ ގައުމެއް ތަމްސީލުކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނިޢުމާތު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގާލް ގައިޑްގެ މަސައްކަތްތަކުގައި ހަރާކާތްތެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވައި، ޗީފް ގައިޑުގެ ހައިސިއްޔަތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. އަދި ގާލް ގައިޑް ހަރަކާތްތަކަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ހިއްސާކުރައްވައި އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، މި ބައްދަލުވުމުގައި މެމްބަރުންވަނީ، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަމާއި، ގައިޑްގެ ޙަރަކާތްތައް ހިންގުމަށް އެކަށީގެންވާ ކޭމްޕް ސައިޓެއްގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.