ޚަބަރު

އިނގިރޭސިވިލާތުން ފަލަސްޠީން ބަލައިގަންނަން އުޅޭތީ ޔަހޫދީން ކޯޅެނީ


ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ޚިޔާލުތަފާތުވެ، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީޔަރ ސްޓާމަރ އާއި އިސްރާއީލުގެ ރައީސް އައިޒެކް ހަޓްޒޮގްގެ ބޭއްވި ބައްދަލުވުން ހޫނުވެއްޖެއެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިން ޝަހީދުކޮށްލުމަށް ޔަހޫދީން ޤަތަރުގެ ވެރިރަށް ދޯހާއަށް ދިން ނިރުބަވެރި ޙަމަލާތަކުގެ އެއް ދުވަސް ފަހުން ބޭއްވި ބައްދަލުވުމުގައި، ސްޓާމަރ އާ ޚިޔާލުތަފާތުވެ، ހަޓްޒޮގް ވަނީ ޒުވާބުވެސްކޮށްފައެވެ.

ޔަހޫދީން ހިތްހަމަނުޖެހިގެން އުޅެނީ، ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލައިފިނަމަ، މި މަހު އޮންނަ އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެކަމަށް އިނގިރޭސިވިލާތުން އިޢުލާނުކުރުމާ ގުޅިގެންނެވެ.

ހަޓްޒޮގް ބުނީ، ސްޓާމަރ އާއެކު ބޭއްވި ބައްދަލުވުމުގައި ޚިޔާލުތަފާތުވީ، އެ މައްސަލައިގެ އިތުރުން ޣައްޒާއަށް އެހީ ވެއްދުމާ ގުޅޭގޮތުން ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ، އެ ބައްދަލުވުމުގައި ސްޓާމަރ ވަނީ، ޣައްޒާގައި ޔަހޫދީން ދެމުންދާ ޢުދުވާނުތައް ހުއްޓާލައި، އެއްވެސް ހުރަހެއް ނެތި އެހީ ވެއްދުމުގެ ފުރުޞަތު ދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައި ކަމަށެވެ.

އެ ބައްދަލުވުމުގެ ކުރިން، ހަޓްޒޮގް އާއެކު ރަސްމީ ފޮޓޯއަށް ހުއްޓިވަޑައިގެން، އޭނާއާ ސްޓާމަރ ސަލާމްކުރެއްވިއިރު، މޫނުފުޅުމަތިން ހިނިތުންވުމުގެ އެއްވެސް އަސަރެއް ނުދައްކަވައެވެ.

މި ބައްދަލުވުމުގައި ޤަތަރަށް ޔަހޫދީން ދިން ޙަމަލާއަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ޢަމަލެއް ނޫން ކަމަށް ސްޓާމަރ ވިދާޅުވިކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުންޏެވެ.

ޣައްޒާގައި ޢުދުވާނުތައް ހުއްޓުވުމަށް، އިސްރާއީލަށް އިތުރު ފިއްތުންތައް ކުރިމަތިކުރުވުމަށް، އަމިއްލަ ޕާޓީގެ ތެރެއިންވެސް ސްޓާމަރއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.

ނަމަވެސް، ހަރުކަށި ފިޔަވަޅު އެޅުމުގެ ބަދަލުގައި، ޣައްޒާގައި ސުލްޙަ ޤާއިމުކުރެވޭނީ މަޝްވަރާގެ ތެރެއިންކަމަށް ސްޓާމަރ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

އަންނަ ހޯމަ ދުވަހު ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް އާ ވެސް ސްޓާމަރ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.