ސަރުކާރުން ހުށައެޅި އިސްލާހުތަކާއެކު، ނޫސްވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ފުރިހަމަ ޙައްލެއް ލިބޭނެކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙުމަދު އުޝާމު ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މިޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލު މަޖިލީހަށް ހުށައެޅީ ތުޅާދޫ ދާއިރާ ތަމްސީލުކުރައްވާ އަމިއްލަ މެމްބަރު އަބުދުލް ހަންނާން އަބޫބަކުރެވެ. މި ބިލު ހުށައަޅާފައޮތީ ރައީސުލްޖުމްހޫރިއްޔާއަށް ބާރުތަކެއް ލިބޭގޮތަށެވެ.
ސަރުކާރުން ހުށައެޅުއްވި އިސްލާހުތަކާ ގުޅޭގޮތުން ބަންޑާރަނައިބު އަލްއުސްތާޛު އަޙުމަދު އުޝާމު ވިދާޅުވީ، މި ބިލު މަޖިލީހުން ހުށައެޅުމުން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތް ކަންކަން ހުރިތޯ ބެލުމަށް ދިރާސާކުރެއްވިކަމަށެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތާ އެއްހަމަވާ އޮތީ ދެކަމެއްކަން އުޝާމް ފާހަގަކުރެއްވިއެވެ. އެއީ މިޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ބަޔާއި، މިޑީއާތައް ރެގިއުލޭޓްކުރެވޭނެ ރަނގަޅު ނިޒާމެއް އެކުލަވާލުމާ ގުޅޭ ބައިކަމަށެވެ.
ބަންޑާރަނައިބު ވިދާޅުވީ ބިލުގައި ހިމެނޭ ކަންކަމަށް ބެލުމަށްފަހު ގިނަ އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ސަރުކާރަށްވެސް ފެނުނުކަމަށެވެ. އެގޮތުން އޭޖީ އޮފީހުގެ ޤާނުނީ ޓީމުން ކުރި ދިރާސާގައި 14 އިސްލާހެއް ގެންނަންޖެހޭކަމަށް ފެންނާތީ، އެކަންކަން ހިމަނައި ސަރުކާރުގެ ފަރާތުން އިސްލާހުތައް ހުށައެޅީކަމަށެވެ.
ސަރުކާރުން އިސްލާހު ހުށައަޅާފަވާއިރު، މިހާރު އެ ބިލު އޮތީ ކޮމިޓީ މަރުހަލާގައެވެ. ބަނޑާރަ ނައިބު ވިދާޅުވީ، އެންމެ ބޮޑު އަދި މުހިންމު ބަދަލަކީ، ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދަޢުރެއް ނޯންނަގޮތަށް ބަދަލުކުރުންކަމަށެވެ.
މިހާރު ބިލުގައި އޮތްގޮތުން 3 މެންބަރުން އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާ ހުށައަޅާ ނަންތަކަކަށެވެ. އެބައި އުނިކުރުމަށް ސަރުކާރުން ވަނީ ހުށައަޅާފައެވެ. އަދި މެންބަރުން މަޖިލީހުގެ ވޯޓަކުން ވަކިކުރެވޭގޮތަށް އޮތް އޮތުންވެސް ވަނީ އުނިކޮށް، މީޑިއާތަކުގެ ފެންނަ ނުފެއްނަ ވޯޓަކުން، މެންބަރުން އައްޔަނުކުރުމާއި މެންބަރުން ވަކިކުރުމުގެ ކަންކަން ގެންދެވޭގޮތަށް ސަރުކާރުން ހުށައަޅާފައެވެ.
"ކޮމިޝަނަށް މެންބަރުން އައްޔަނުކުރުމާއި ދުރުކުރުންމުގައި ރައީސްގެ އެއްވެސް ދަޢުރެއް ނޯންނާނެ. 17، 19، 20 ވަނަ މާއްދާއަށް މި އިސްލާހުތައް ހުށައެޅިން. އެއީ ނޫސްވެރިންގެވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ." ބަންޑާރަ ނައިބު އުޝާމު ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން ދެން އެންމެ އިސްކަންދޭ އިސްލާހެއްގެ ގޮގައި ހުށައެޅީ އިސްލާމް ދިނާ ޚިލާފަ ކަންކަމާ ބަދުއަޙުލާގީ ކަންކަން އަދި ދަށު ދަރަޖައިގެ ޢަމަލުތައް ހުއްޓުމާގުޅޭ ބައެއްކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރުން ވަނީ، ވަކިވަކި ނޫސްވެރިންނާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް ބައިވެސް އުނިކުރުމަށް ހުށައަޅާފައެވެ. އިތުރު ކަންކަމުގެ ގޮތުގައި އެޑިޓަރުގެ ކޮލިފިކޭޝަނެއް އޮތުމާއި އަދި ކޮމިޝަނަށް ސަރުކާރުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާ ގުޅޭ އިސްލާހެވެ. މިނޫންވެސް ގިނަ ކަންތައްތަކެއް ހިމެނެއެވެ.
އޭޖީ ވިދާޅުވީ 19 ވަނަ މަޖިލިހުގައިވެސް އޭރުގެ ސަރުކާރުން މީޑިއާ ބިލެއް ހުށައެޅިކަމަށާ، އޭގައި އޮތީ މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން އަދި އިންފޮމޭޝަން ކޮމިޝަން އެއްކޮށްލުމަށްކަމަށެވެ. އޭރު ނިންމީ ބިލެއް ފަރުމާކޮށް ސަރުކާރުން ހުށައެޅުމަށްކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުގައި އެކަން ނުކޮށް އޮއްވާ، މިކަމާ ގުޅޭ ބިލެއް އަމިއްލަ މެންބަރަކު މި ހުށައެޅީ، މި ސަރުކާރު އައިސް މީޑިއާ ބިލެއްގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށް ވިދާޅުވިއެވެ.
"19ވަނަ މަޖިލިސް ނިމުނުއިރު، އަޅުގަނޑުމެން މިދިޔައީ އެ މަސައްކަތް ކުރަމުން. ނުނިމެނީސް މި ބިލް މި އައީ. އެހެންވީމަ ދިރާސާކޮށް އިސްލާހު ހުށައެޅީ. ރައީސްގެ މަގުސަދެއް ނޫން މީޑިއާ ކަންކަމަށް ބާރު ފޯރުވުމަކީ. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ މެންބަރުން އައްޔަނުކުރަން ބޭނުންފުޅު ނުވީ. ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައިވެސް މިކަން ސާފުކޮށްދެއްވި." އޭޖީ ވިދާޅުވިއެވެ.
މީގެއިތުރުން މައްސަލަތައް ބެލުމާ ގުޅޭ މާއްދާގައި ހިމެނޭ ބައިގައި، މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތްތައް ތަފްސީލްކޮށްދިނުމަށް ހުށައަޅާފަވާނެމަށް އޭޖީ ވިދާޅުވިއެވެ. އަދި ބައެއް ދޭހަވާގޮތަށް ބައެއް މާނަކުރުންތައް އިސްލާހުކުރުމަށް ވަނީ ހުށައަޅާފައެވެ.
އޭޖީ ވިދާޅުވީ ސަރުކާރުގެ މަޤުޞަދަކަށްވަނީ ޤާނުނު އަސާސިއާއި ޤާނޫނީ ތަރަހައިގެތެރެއިން ނޫސްވެރިކަންކޮށް މަޢުލޫމާތު ފޯރުކޮށްދިނުންކަމަށެވެ. މި އިސްލާހުތަކާ އެއްގޮތަށް ފާސްވެއްޖެނަމަ، ނުސްވެރިންގެ ހުރިހާ ޝަކުވާތަކަށް ޙައްލު ލިބި، ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނެކަމަށް ބަންޑާރަނައިބު އަޙުމަދު އުޝާމް ވިދާޅުވިއެވެ.