ޚަބަރު

ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި


  • ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރާނީ އެރަށު ފަޅުން ބައެއް ހިއްކައިގެން

  • ތަރައްޤީކުރެވޭ ރިސޯޓުގައި މަދުވެގެން 100 އެނދު ހުންނަންޖެހޭނެ

މާލެއަތޮޅު ކާށިދޫ ފަޅުގައި ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަންނަ ނޮވެމްބަރުމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެރަށު ފަޅުން ބައެއް ހިއްކައިގެންކަމަށެވެ. އެގޮތުން، 115.21 ހެކްޓަރުގެ ސަރަޙައްދެއްގައި، 10 ހެކްޓަރުގެ ރަށެއް ހިއްކައިގެން މި ރިސޯޓް ތަރައްޤީކުރެވޭނެކަމަށެވެ. އަދި ތަރައްޤީކުރެވޭ ރިސޯޓުގައި މަދުވެގެން 100 އެނދު ހުންނަން ޖެހޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށް ވާއިރު، މިކަމަށް ޝައުޤުވެރިވާ ދިވެހި އަދި ބިދޭސީ ކުންފުނިތަކަށް މި ފުރުޞަތު ވަނީ މިހާރު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މިއަންނަ ނޮވެމްބަރު މަހުގެ 20ވަނަ ދުވަހުގެ މެންދުރު 13:00އެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެ ވުޒާރާގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި 13:00 އާ ދެމެދު އެ ވުޒާރާ ރިސެޕްޝަނުން ބީލަން ފޮތް ލިބިވަޑައިގަންނަވާނެކަމަށް ވިދާޅުވިއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ދެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ފުރަތަމަ ބައްދަލުވުން މިމަހުގެ 24ވަނަ ދުވަހު އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ދެވަނަ ބައްދަލުވުން އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 21ވަނަ ދުވަހު އޮންލައިންކޮށެވެ.