އިޓާލިއަން ލީގުގައި ރޭ އިންޓަރ މިލާނާ ދެކޮޅަށް ކުޅުނު މެޗުން 4-3 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވެއްޖެއެވެ.
ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކާމިޔާބުކުރިއިރު އެ ޓީމުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ހޯދާފަ އެވެ. އެއްވަނައިގައި އޮތް ނަޕޮލީއަށްވެސް 9 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބިފައިވާ ފައިދާ ގޯލުންނެވެ.
ޔުވެންޓަސް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 14 ވަނަ މިނިޓުގައި ލޮއިޑް ކެލީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނިޓުގައި ޔުވެންޓަސްގެ ހަކާން ކަލަނޮގްލޫ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި ޔުވެންޓަސް އަށް ދެވަނަ ފަހަރަށް ކުރި ލިބިފައިވަނީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ކެނާން ޔިލްޑިޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ދެވަނަ ހާފުގައި އިންޓަރ މިލާނުން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަގަޅުކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށްފަ އެވެ.
އަދި މެޗުގެ 65 ވަނަ މިނިޓުގައި ހަކާން ކަލަނޮގްލޫ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގައި އިންޓަރ މިލާނަށް ފުރަތަމަ ފަހަރަށް ކުރި ލިބިފައިވަނީ މެޗުގެ 76 ވަނަ މިނިޓުގައި މާކަސް ތުރާމް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް މާކަސް ތުރާމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކެފެރެން ތުރާމް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ޔުވެންޓަސް އާއި އިންޓަރ މިލާނަށް ކުޅެމުންދާ މާކަސް ތުރާމް އާއި ކެފެރެން ތުރާމް އަކީ ފްރާންސްގެ ކުރީގެ ޑިފެންޑަރ ލިލިއަން ތުރާމްގެ ދެ ކުދިންނެވެ.
މި މެޗުން ޔުވެންޓަސް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ވަސީލީއޭ އަޒިޗް އެވެ.