ސްކޭމް މައްސަލަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށީ ޖަލުން 33 ފޯނާއި އިތުރު ތަކެތި އަތުލައިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ އިދާރާއަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަހުގީގު ތަކުން އެނގިފައިވާ ގޮތުގައި، މިފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިމަހު 11ވަނަ ދުވަހު މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، އެ އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ސްކޭމް މަދުކުރުމަށްޓަކައި ފަށާފައިވާ ޚާއްސަ މަސައްކަތުގެ ތެރެއިން މިފަދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ސްކޭމް މައްސަލަތައް އިތުރުވަމުންދާތީ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އާންމު ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއްކަމަށް އެންޓި ސްކޭމް ސެންޓަރުންވެސް ވަނީ ވިދާޅުވެފައެވެ.
އަދި ޝައްކު އުފެދޭނަމަ، އެކަމެއް ޔަޤީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރުމަށް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން މިފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ އެންޓި ސްކޭމް ސެންޓަރަށް ވަގުތުން ރިޕޯޓުކުރުމަށް އެސެންޓަރުންވަނީ އެދިފައެވެ.
ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ބުނެއެވެ.