ޚަބަރު

"ރަންވޭލާ" ގެ ނަމުގައި ޚާއްޞަ ކެމްޕެއިނެއް ފަށްޓަވައިފި


އުމުރުން ދުވަސްވީ މީހުންނަށް ޢަމާޒުކުރައްވައިގެން "ރަންވޭލާ" ގެ ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން ޚާއްޞަ ކެމްޕެއިނެއް މިއަދު ފަށްޓަވައިފިއެވެ.

މިކަމަށްޓަކައި ބ.އަތޮޅު އޭދަފުށީގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ކެމްޕެއިން އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީއެވެ.

ޖެންޑަރ މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި މިކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ، މުޖުތަމަޢާއި ޢާއިލާގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއިއެކު، އެފަދަ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނޭ ގޮތްތައް މަގުފަހި ކޮށްދިނުމާއި، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރަން މަސައްކަތް ކުރެއްވުމެވެ.

މިއަދު އިފްތިތާޙް ކުރެއްވި މި ކެމްޕެއިންގެ ދަށުން، ސޯޝަލް ސާވިސް ވޯކަރުންނާއި، ހެލްތު އޮފިސަރުންނަށް ޢަމާޒު ކުރައްވައިގެން އޭދަފުށީގައި ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން ބ.އަތޮޅުގެ އޭދަފުށްޓާއި، ދޮންފަނާއި، މާޅޮހުގެ އިތުރުން ދަރަވަންދޫގައި ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ބ.އަތޮޅު އޭދަފުށީ ހޮސްޕިޓަލާއި އެކި ރަށްތަކުގެ ހެލްތު ސެންޓަރ ގުޅިގެން ކުރިޔަށްގެންދަވާ ޕްރޮގްރާމެއް ކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

މިއަދު އިފްތިތާޙް ކުރެއްވި "ރަންވޭލާ" ކެމްޕެއިންގެ ދަށުން، އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުމާއި، އަޅާލުމާއި، ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި، މި 3 ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، މުޖުތަމަޢުގެ އެކި ފަރާތްތަކަށް ޢަމާޒު ކުރައްވައިގެން ހޭލުންތެރި ކުރުމުގެ ސެޝަންތަކާއި، ތަމްރީން ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ކުރިޔަށްގެންދެވުމަށް ހަމަޖެހިފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ޖެންޑަރ މިނިސްޓަރ މިހާރު ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ، އެސެންޓަރުން ދެއްވަމުންގެންދަވާ ޚިދްމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ޖެންޑަރ މިނިސްޓަރ ވަނީ ބ.އަތޮޅުގެ ސަރުކާރުގެ އެހެނިހެން މުއައްސަސާތަކަށްވެސް ޒިޔާރަތް ކުރައްވާ ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތައް ޙިއްޞާ ކުރައްވާ، އެ މުއައްސަސާތައް ގުޅިގެން ކުރެވޭނޭ މަސައްކަތްތަކާބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.