އިނގިރޭސި ރިކޯޑު ފީއަކަށް މި ސީޒަނުގައި ލިވަޕޫލްއަށް ގެނައި ފޯވާޑް އެލެގްޒެންޑަރ އިސާކަށް އަދި ކުޅެވޭނީ 15 ވަރަކަށް މިނެޓު ކަމަށް އެ ޓީމުގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.
އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ބާންލީއާ ދެކޮޅަށް އިސާކް ޓީމުގައި ނުހިމެނުމުން އެކަމާ ނޫސްވެރިން ސުވާލު ކުރުމުންނެވެ.
"އޭނާ މި މެޗަށް ނުނެރުނީ ސަބަބުތަކެއް ހުރުމުން. އަހަރެން ދެކޭ ގޮތުގައި ކޮންމެ ކަމެއް ވެސް ވާނީ ސަބަބުތަކެއް ހުރުމުން. އޭނާ ސީޒަނަށް ޕްރެކްޓިސް ނުކޮށް ހަތަރު ހަފުތާ ދިޔަ. އޭނާ ފަރިތަކުރަން ފެށިތާ އަދި މިވީ އެންމެ ތިން މަސް. މިހެންވެ އޭނާ އަށް އަދި ކުޅެވޭކަށް ނެތް،" ކޯޗު ބުންޏެވެ.
ނިއުކާސަލްގައި ހުރެފައި ގަދަ ހަދާފައި ސީޒަން ފެށުނު ފަހުން ލިވަޕޫލަށް ބަދަލުވި ކުޅުންތެރިޔާ އަށް މި ހަފުތާގެ ބުދަ ދުވަހު ލިވަޕޫލް (ޗެމްޕިއަންސް ލީގުގައި އެތްލެޓިކޯއާ ދެކޮޅަށް) ކުޅޭ މެޗުގައި 15 ނުވަތަ 20 މިނިޓް ކުޅެން ފުރުސަތު ދޭނެ ކަމަށް ވެސް ކޯޗު ބުންޏެވެ.
"އަހަރުމެން އޭނާއާ މެދު ޕްލޭނެއް ގެންގުޅެން. އަހަރުމެން މަސައްކަތް މި ކުރަނީ އޭނާ ލައްވައި މި ހަފުތާ ނިމެންވާއިރަސް 45 މިނިޓް ކުޅެވޭ ވަރަށް ފިޓްކުރަން،" ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ ހުސްވި ސީޒަނުގައި މޮޅަށް ކުޅެ ނިއުކާސަލް އަށް ގިނަ ގޯލުތަކެއް ޖެހި ސްވިޑްންގެ ފޯވަޑަށް ލިވަޕޫލް ޓީމުގައި ޖާގަ އެބައޮތް ކަމަށާއި އަންނަ ހަފުތާގެ ފަހު މެޗުތަކަށް ފަހު އޭނާ އަށް ފުރަތަމަ 11އިން ފުރުސަތު ލިބުން ވަރަށް ގާތްވާނެ ކަމަށެވެ.
އިސާކް ލިވަޕޫލަށް އައީ ނިއުކާސަލް އަށް ކުޅެން ބޭނުން ނުވެގެންނެވެ. އޭނާ ގަތުމަށް ލިވަޕޫލް ހޭދަކުރި 130 މިލިއަން ޕައުންޑަކީ މިހާތަނަށް ކުޅުންތެރިއަކު ގަތުމަށް ޕްރެމިއާ ލީގުގެ ކުލަބަކުން ހޭދަކުރި އެންމެ މަތީ އަދަދެވެ.