ޚަބަރު

ގަރާރު ހުށަހަޅާތާ 3 މަސް ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭގޮތަށް ބިލު ފާސްކޮށްފި


  • ބިލު ފާސްކުރީ 64 މެންބަރުންގެ ވޯޓުން

  • ވަކި ސަރަހައްދެއްގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ 45 ދުވަހަށް ވުރެ ކުރު މުއްދަތެއްގައިވެސް ވޯޓު ނެގިދާނެ

ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާގުޅޭ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ 3 މަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ބިލު މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ދިރާސާކުރުމަށްފަހު ހުށަހެޅި އިސްލާހުތަކާއެކުގައެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްްވި "ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" އަކީ ޤާނޫނުއަސާސީގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުުރުމަށް ހުށައެޅުއްވި ބިލެކެވެ. ޢާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މިހާތަނަށް ޤާނޫނެއް ނެތެވެ.

އާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގޭނެ ގޮތްތައް ބަޔާންކުރާ ބިލުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށްކަމަށް ބަޔާންކޮށްފައިވެއެވެ. މި ބިލުގައިވާގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ރައްޔިތުންގެ ވޯޓާއެކު ބަދަލުގެނެވޭނެ ޤާނޫނުއަސާސީގެ މާއްދާތައް:

  • ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާތައް
  • ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ
  • ރިޔާސަތުގެ ދައުރާ ގުޅޭ މާއްދާ
  • ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތް
  • ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރެއްވުމާ ގުޅޭ މާއްދާ
  • ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާ

މީގެ އިތުރުން ޤާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި ރައްޔިތުންގެ ރުހުން އެ ބިލަށް އޮތްތޯ ބެލުމަށްވެސް ވޯޓަށް އެހޭނެކަން ބިލުގައި ވަނީ ހިމަނުއްވާފައެވެ.

މި ބިލުގައިވާގޮތުން ރައްޔިތުންގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހާލަތުގައި ނުވަތަ ރައީސުލްޖުމްހުރިއްޔާގެ ޤަރާރަކުން ނިންމަވާ ހާލަތުގައި އެ ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރާނެއެވެ. ރައްޔިތުންގެ ޚިޔާލު ހޯދަން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަހުގެ މުއްދަތެއް އޮންނަންވާނެކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ގިނަވަގެން 90 ދުވަހުގެ ކުރިން އިންތިޚާބު ބާއްވަން ޖެހޭނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ވަކި ސަރަހައްދެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމާ ގުޅޭ ވޯޓެއް ނަގާނަމަ 45 ދުވަހަށްވުރެ ކުރު މުއްދަތެއްގައިވެސް އެ ވޯޓު ނެގޭނެ އިހްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމަށް ކޮމިޓީން ވަނީ އިސްލާހު ގެނެސްފައެވެ.

މީގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ފާސްވާނީ، ސައްޙަ ވޯޓު 50 އިންސައްތައަށްވުރެ މަތިން ލިބިގެންކަން ބަޔާންކުރާ މާއްދާއެއްވެސް ކޮމިޓީ މަރުހަލާގައި ވަނީ އިތުރުކޮށްފައެވެ. އަދި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން އިންތިޚާބަށް ޚަރަދުވާނެ ފައިސާގެ އަދަދު ކަނޑައަޅައި އެކަން މާލީ ވުޒާރާއަށް ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި އެ ފައިސާ ހަމަޖައްސަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ރައްޔިތުންގެ ޚިޔާލު ހޯދަން ހުށަހަޅާ މައްސަލަތަކުގައި ވޯޓުގެ ކަންކަން ކުރިއަށްގެންދާނީ މާލިއްޔަތު ޤާނޫނުގެ ދަށުން ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުންކަމަށްވެސް ސަރުކާރުގެ ފަރާާތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 64 މެންބަރުންގެ ވޯޓުންނެވެ.