ޚަބަރު

"ޑިމޮކްރަސީ ހަރުދަނާވާނީ ޕާޓީ ނިޒާމާއި ސިޔާސަތުތައް ހަރުދަނާކުރެވިގެން"


  • ރައްޔިތުން އުފައްދާ ވެރިކަމެއް އޮތުމަކީ ޑިމޮކްރަސީގެ އެންމެ ރިވެތި ސިފަ

  • ޙައްގުތަކަށް ރައްކާތެރިވެ ޑިމޮކްރަސީގެ އުސޫލުގެ ދަށުން އަމަލުކުރުމަށް އިލްތިމާސްކުރެއްވި

ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެވޭނީ ސިޔާސީ ޕާޓީތަކުގެ ނިޒާމާއި ސިޔާސަތުތައް ހަރުދަނާކުރެވޭ ވަރަކުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ފުރިހަމަ ޑިމޮކްރަސީއެއްގައި ޚިޔާލުތަފާތުވުންތަކާއެކުވެސް ސިޔާސީ ޕާޓީތަކުން އިސްކަން ދޭންވާނީ ޤައުމީ މަސްލަހަތަށް ކަމަށެވެ. އަދި ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ތެރެއިން އެފަދަ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ސިޔާސީ ޕާޓީތަކަށް އެއް މޭޒަކަށް އެރެން ޖެހޭނެ ކަަމަށާއި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވާނީ ސިޔާސީ ޕާޓީތަކުގެ ނިޒާމާއި ސިޔާސަތުތައް ހަރުދަނާވިވަރަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން އުފައްދާ ވެރިކަމެއް އޮތުމަކީ ޑިމޮކްރަސީގެ އެންމެ ރިވެތި ސިފަކަން ފާހަގަކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވީ ވޯޓު ދިނުމުގެ ޙައްގަކީ އެގޮތުން ރައްޔިތުންގެ އަޑު އިއްވުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށެވެ. އަދި އެ ޙައްޤު އަދާކުރެއްވުމަށް މަޖިލީހުގެ ރައީސް ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

"ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްގެއް ވޯޓުލުމުގެ ޙައްގަކީ. އެހެންވީމަ އެ ޙައްގު އަދާކުރުން އެއީ ކޮންމެ ރައްޔިތަކުވެސް ކުރަންޖެހޭކަމެއް. އެއީ އެ މީހެއްގެ ޒިންމާ އަދާކުރަން އެބަޖެހޭ. ޒިންމާ އަދާކޮށްގެން ނޫނިއްޔާ އެ ބޭނުންވާ ކާމިޔާބެއް ނުވަތަ ކުރިއެރުމެއް ނުވަތަ ދާންބޭނުންވާ މަންޒިލަކަށް ނުދެވޭނެ. ޒިންމާއިން ރެކުމުގެ ބަދަލުގައި ޒިންމާ އަދާކުރުން ވަރަށް މުހިންމު. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރަން ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރަން ނޫނީ ކައުންސިލް މެންބަރުން އިންތިޚާބުކުރަން ބާއްވާ އިންތިޚާބެއްގައި ވޯޓުނުލައި ތިބެފަ ދެން އެކަމަށް ފާޑުކިޔުން އެއީ އެންމެ ޒިންމާދާރުގޮތެއް ނޫން،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޑިމޮކްރަސީގައި ރާއްޖެއިން ވަރަށް މުހިންމު ކާމިޔާބީތައް ހޯދާފައިވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އެގޮތުން، ޑިމޮކްރަސީއަށް ރައްޔިތުން ހޭލުންތެރިވާ މިންވަރު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ކަމެއްވެސް ކުރަންވާނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެެއިން ކަމަށާއި ކޮންމެ ކަމެއްގައިވެސް ދެ ފަރާތުގެ ޙައްގު އޮންނާނެކަން ދަނެގަނެ އެ ޙައްގުތަކަށް ރައްކާތެރިވުން މުހިންމު ކަމަށެވެ. އަދި ކުރިއަށްއޮތްތާނގައި ރާއްޖެ ވާނީ ޑިމޮކްރަސީގައި ނަމޫނާ ޤައުމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި މުސްތަގުބަލު ވަރަށް ހަރުދަނާކޮށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.