އެފްކޮންސް އިންފްރަސްރަކްޗަރ އިން ލޭހަދިިޔާކުރުމުގެ ކޭމްޕެއް ގުޅީފަޅު 2 ގައި ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ އިންޖިނިއަރިން ދުވަހާއި ގުޅުވައިގެން އެ ކުންފުނިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއާ ގުޅިގެންނެވެ.
ލޭހަދިޔާކުރުމުގެ ކޭމްޕު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާޤް ހަލީމްއެވެ. މި ރަސްމިއްޔާތުގައި އިންޑިއަން ހައި ކޮމިޝަންގެ އިސްބޭފުޅުންނާއި އިމާރާތްކުރުމާއި ބެހޭ ވުޒާރާގެ އިސްބޭފުޅުންނާއި ހޮސްޕިޓަލްތަކުގެ އިސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އެފްކޮންސްގެ އިސް ފަރާތްތަކުންވެސް ބައިވެރިވިއެވެ.
ލޭ ހަދިޔާކުރުމުގެ ކޭމްޕް ފަށްޓަވައިދެއްވައި ވާހަކަދައްކަވަމުން މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާޤް ހަލީމް ވިދާޅުވީ ރާއްޖޭގެ ގޭބީސީތަކަށް ބަލާއިރު ތެލަސީމިއާ ބައްޔަކީ ގިނަ ބައްޔެއްކަމަށެވެ. ދިރިހުރުމަށްޓަކައި މިމީހުންނަށް ކޮންމެ 2 ހަފްތާ ނުވަތަ 4 ހަފްތާއިން ލޭ އަޅަން ޖެހޭކަން އަބްދުލްރައްޒާޤް ހަލީމް ފާހަގަކުރެއްވިއެވެ. ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާޤް ހަލީމް ހާމަކުރެއްވިގޮތުގައި މިހާރުވެސް އަހަރެއްގެ މައްޗަށް 5000 ޔުނިޓްގެ ލޭ ބޭނުންވެއެވެ.
"މިއަދު 972 ފަރުދުން ރަޖިސްޓްރީކޮށްފައިވާއިރު، މީގެތެރެއިން 663 މީހަކު ޤަވާއިދުން ފަރުވާ ހޯދަމުންދޭ. އެމީހުންގެ ބޭނުންތައް ފުއްދުމަށް ކޮންމެ އަހަރަކު 8،000-10،000 ޔުނިޓް ލޭ ބޭނުންވާނެ ކަމަށް ލަފާކުރޭ. ހިލޭސާބަހަށް ލޭ ހަދިޔާ ކުރާ ފަރާތްތަކުން ގާތްގަނޑަކަށް 3،000 ޔުނިޓް ފޯރުކޮށްދެމުންދާއިރު، މަދުވެގެން 5،000 ޔުނިޓް އިތުރަށް ބޭނުންވޭ" ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވިއެވެ.
ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުން ބޯންމެރޯ ހެދުމަށް 15 ކުދިން ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށާއި އަދި ޚާއްސަ އެކި ފަރުވާތަކަށް ތެލަސީމިއާ ކުދިން ސަރުކާރުގެ ޚަރަދުގައި ރާއްޖޭން ބޭރަށް ފޮނުވާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ހަދިޔާ ކުރާ ކޮންމެ ލޭތިއްކަކީ ތެލަސީމިއާ ކުއްޖަކު ދިރިހުރުމަށް ދެވޭ ފުރުސަތެއްކަމަށާއި އެކުދިންގެ މުސްތަގްބަލް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. ކުރިއަށް އޮތްތަނުގައި ތެލަސީމިއާ ހޮސްޕިޓަލް އެޅި މިހާރަށް ވުރެ ވަސީލަތްތައް އިތުރުކުރެވި ލޭ އެޅުމުގެ މަސައްކަތްތައް ފުޅާކުރެވި ލޭ ހަދިޔާ ކުރާ ފަރާތްތަކަށްވެސް މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެކަމަށްވެސް ޢަބްދުއްރައްޒާޤް ހަލީމް ވިދާޅުވިއެވެ.
ލޭ ހަދިޔާކުރުމުގެ މި ކޭމްޕުގައި އެފްކޮންސް ކުންފުނީގައި މަސައްކަތްކުރާ 150އަށްވުރެ ގިނަ މީހުންވަނީ ލޭ ހަދިޔާކޮށްފައެވެ.
ލޭހަދިޔާ ކުރުމުގެ މިރަސްމިއްޔާތުގެ ތެރެއިންވަނީ ސަރުކާރުން ފަށްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ގުޅީފަޅު 2 ގައި ގަސް އިންދާފައެވެ.