ޚަބަރު

ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ޚާއްސަ ފެސިލިޓީއެއް ކުޅުދުއްފުށީ ސިޓީގައި


  • ކުނިކޮށްޓަށް ޖަމާވާ ގިނަކުނިތައް ރީސައިކަލް ކުރުމަށްފަހު ރަށުން ބޭރުކުރެވެންދެން ބެހެއްޓޭނެ

  • ފެސިލިޓީގެ މަސައްކަތް އަމަލީ ގޮތުން ފެށުމުން ކުނި މެނޭޖުކުރުމަށް ކުރިއެރުން ލިބޭނެ

ރާއްޖޭގައި ފުރަތަމަ ފަހަރަށް، ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ޚާއްސަ ފެސިލިޓީއެއް މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީން ކުޅުދުއްފުށީ ސިޓީގައި ހުޅުވައިފިއެވެ.

މިކަމަށްޓަކައި ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މިފެސިލިޓީ ހުޅުއްވައިދެއްވީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް، ސަކެޕްގެ ޑިރެކްޓަރ ޖެނެރަލް ނޯބޫ ވަންޗުކްއެވެ.

ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް، ސަކެޕްގެ ޕްލާސްޓިކް ފްރީ ރިވަރސް އެންޑް ސީސް (ޕްލީޒް) ޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރެވި މި މެޓީރިއަލް ރިކަވަރީ ފެސިލިޓީއަކީ މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ، މެކްސް އާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ ގުޅިގެން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.

މިފެސިލިޓީގެ މަސައްކަތްތައް ކުރިއަށްގެންދާނީ މެކްސް އާއި ކުޅުދުއްފުށީ ސިޓީކައުންސިލާއި ވެމްކޯއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން، ވެމްކޯ އިންކަމަށް މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީން މަޢުލޫމާތުދެއްވައެވެ. މިފެސިލިޓީއަކީ ޕްލާސްޓިކް ކުނިން ލިބޭ ގެއްލުމުން، ކުޅުދުއްފުށީގެ ރައްޔިތުންނާއި ވަށައިގެންވާ ކަނޑު ފަޅު ރައްކާތެރިކުރުމަށް ޤާއިމްކުރެވުނު ފެސިލިޓީއެކެވެ. އަދި މިއީ ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ހުޅުވި މިފަދަ ފުރަތަމަ ފެސިލިޓީއެވެ.

މިރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަމުން ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް، ސަކެޕްގެ ޑިރެކްޓަރ ޖެނެރަލް ނޯބޫ ވަންޗުކް ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށްވީއިރު ކަނޑުތަކާއި ވިލުތަކާއި ފަރުތައް ކުނިން ސަލާމަތް ކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީގައި ޤާއިމްކުރެވިގެން ދިޔަ ކުނި މެނޭޖްކުރާ މިފެސިލިޓީއާއެކު ރާއްޖޭގެ އެންމެ ފުރަތަމަ ޕްލާސްޓިކް ޕޮލިއުޝަން ފްރީ ސިޓީއަކަށް އެސިޓީ ހެދުމަށް މަގުފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

" ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް ގައުމެއް. ކަނޑާއި މާހައުލު ވަރަށް މުހިންމު. ފާހަގަކޮށްލަން ހަމަ ރާއްޖެއިން މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަަރައިގަތުމަށް ކުރާ މަސައްކަތް. ރާއްޖެ އައިސް ފުރަތަމަ ފަހަރަށް ރާއްޖޭގެ މި މާހައުލު ތަޖުރިބާކޮށްލަން ލިބުމަކީ ލިބުނު އުފަލެއް. ކުޅުދުއްފުށި ސިޓީގައި މި ފެސިލިޓީ ޤާއިމްކުރެވިގެންދާއިރު އެންމެން އެކުގައި މަސައްކަތްކޮށް ރާއްޖޭގެ ފުރަތަމަ ޕްލާސްޓިކް ޕޮލިއުޝަން ފްރީ ސިޓީއަކަށް ހެދޭނެ" ނޯބޫ ވަންޗުކް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީގެ ޗެއަރމަން އާމިނަތު ޢަބްދުﷲ ވިދާޅުވީ ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށް މި ފެސިލީޓީއަކީ ވަރަށް މުހިންމު ތަނެއްކަމަށެވެ. އެގޮތުން މި ފެސިލިޓީއާއެކު ކުނި މެނޭޖްކުރުމުގެ ކަންކަން ވަކި ނިޒާމެއްގެ ތެރެއިން ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުޅުދުއްފުށީ ކައުންސިލާއި ސްކޫލްތަކާއި އަދި ޖަމްޢިއްޔާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

" މި ފަދަ މަރުކަޒެއްގެ ބޭނުމަކީ ކުނި ރަށުން ބޭރުކުރެވެންދެން ބެހެއްޓުން. ރަށުތެރެއިން ގެންނަ ކުނި ބައިބަޔައް ވަކިކޮށް ޚާއްސަކޮށް ޕްލާސްޓިކް ކުނި ވަކިކޮށް ފިއްތާފައި ބޮނޑި ބޮނޑިއަށް އަޅާފައި ވަކި ނިޒާމެއްގެ ތެރެއިން ކުރުމަށް މަގުފަހިވާނެ" އާމިނަތު ޢަބްދުﷲ ވިދާޅުވިއެވެ.

މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީން ވިދާޅުވީ މިމަރުކަޒުގެ ބޭނުމަކީ ކުނި ރީސައިކަލް ކުރުމަށްޓަކައި ތައްޔާރުކުރުންކަމަށެވެ. އެގޮތުން ޕްލާސްޓިކާއި އެލުމީނިއަމް ފަދަ ރީސައިކަލްކުރެވޭ ބާވަތުގެ ކުނި އަދި އެހެނިހެން ކުނިތައް ވެސް މެށިންތައް ބޭނުންކޮށްގެން ފިއްތާ ބޭލްކުރެވޭނެކަމަށް ވިދާޅުވިއެވެ.

މި ފެސިލިޓީގައި ކުނި ބޭލްކުރުމަށް ދެ ބޭލިންގ މެޝިންގެ އިތުރުން ހައިޑްރޯލިކް ޕެލެޓް ސްޓެކަރއާއި ހައިޑްރޯލިކް ޕެލެޓް ޓްރަކް ފަދަ އިކުއިޕްމަންޓާއި މުވައްޒަފުންނަށް މަސައްކަތުގައި ބޭނުންވާ ސަލާމަތީ އިކުއިޕްމަންޓްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި މި ފެސިލިޓީގައި އޮފީހާއި، ޕޭންޓްރީ އަދި ނަމާދު ކޮޓަރި ވެސް ވަނީ ޤާއިމްކުރެވިފައެވެ. މީގެއިތުރުން ކުނިއުފުލުމަށް އެހީތެރިވެދިނުމަށް 4 ރަށު ޕިކަޕުވެސް މިފެސިލިޓީގައި އޮވެއެވެ.

ދެމެހެއްޓެނިވިގޮތަކަށް މިފެސިލިޓީ އޮޕަރޭޓްކުރުމަށްޓަކައި އެތަނުގައިވަނީ ސޯލާވެސް ހަރުކުރެވިފައެވެ. މި ފެސިލިޓީ ހިންގުމަށް ބޭނުންވާ ތަމްރީން ޕްރޮޖެކްޓްގެ ފަރާތުންވަނީ ވެމްކޯގެ މުއައްޒަފުންނަށް ދީފައެވެ.

މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީން ވިދާޅުވީ މިފެސިލިޓީގެ މަސައްކަތް އަމަލީ ގޮތުން ފެށުމުން ކުޅުދުއްފުށީ ސިޓީގެ ކުނި މެނޭޖުކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.

މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީން ކުރިޔަށްގެންދިޔަ މިމަޝްރޫޢުގެ އިތުރުން، ޕްލާސްޓިކް ކުނި މަދުކުރުގެ އެތައްހަރަކާތެއް އެސޮސައިޓީން ވަނީ ހިންގާފައެވެ.

މިރަސްމިއްޔާތުގައި މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީއާއި ވެމްކޯއާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިސްބޭފުޅުންނާއި ޖަމްޢިއްޔާތަކުގެ އިސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.