ޚަބަރު

ޔަހޫދީންނާ އެކު ޔޫރޯވިޜަން ލަވަ މުބާރާތުގައި ބައިވެރިވާން ސްޕެއިނުން އިންކާރު ކުރަނީ


2026ވަނަ އަހަރުގެ ޔޫރޯވިޜަން ލަވަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ސްޕެއިނުން އިންކާރު ކޮށްފިއެވެ. އެ މުބާރާތުގައި ބައިވެރިނުވުމަށް ނިންނައި، ފާސް ކޮށްފައި ވަނީ އެ ޤައުމުގެ ދައުލަތުގެ މީޑިޔާ، އާރްޓީވީއީންނެވެ. އެ މީޑިޔާއިން ބުނީ، މެއި މަހު އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި ބާއްވާ ޔޫރޯވިޜަން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޒަޔަނިސްޓު އިސްރާއީލަށް ދީފި ނަމަ، އެ ޤައުމުން އެ މުބާރާތުގައި ބައިވެރި ނުވާނެ ކަމުގައެވެ.

މިއީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅު ހެދުމުގެ ގޮތުން އާރްޓީވީއީން ނިންމާފައިވާ ނިންމުމެކެވެ. 2023ވަނަ އަަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 64،000އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށްވުރެ މައްޗަށް އުފުލިފައެވެ.

ސްޕެއިނަކީ ޔަހޫދީ ދައުލަތަށް ޔޫރޯވިޜަން ލަވަ މުބާރާތުން ފުރުޞަތު ދޭން ނިންމައިފި ނަމަ، އެ މުބާރާތުގައި ބައިވެރި ނުވާނެ ކަން އިޢުލާނު ކޮށްފައިވާ ވިލާތުގެ ފުރަތަމަ ޤައުމެއް ނޫނެވެ. ނަމަވެސް، ވިލާތުގެ އެންމެ ބޮޑު ޤައުމުތަކުގެ ތެރެއިން ފުރަތަމަ ޤައުމެވެ. ވިލާތުގެ އެންމެ ބޮޑު ޤައުމުތަކުގެ ގޮތުގައި ބެލެވޭ ފަސް ޤައުމަކީ ސްޕެއިން، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް އަދި ފަރަންސޭސިވިލާތެވެ. ޔަހޫދީންގެ ޤަތުލުޢާންމާ ދެކޮޅު ހެދުމުގެ ގޮތުން ޔޫރޯވިޜަން ލަވަ މުބާރާތުގައި ބައިވެރިނުވުމަށް ނިންމާފައިވާ އެހެން ޤައުމުތަކުގެ ތެރޭގައި ނެދަރލެންޑްސް، ސްލޮވީނިޔާ، އައިސްލެންޑް އަދި އަޔަލެންޑް ހިމެނެއެވެ.

ޔޫރޯވިޜަން ލަވަ މުބާރާތް އިންތިޒާމު ކުރަނީ، ވިލާތުގެ ޤައުމުތަކުގެ ބްރޯޑްކާސްޓިންގ ކުންފުނިތަކުގެ އިއްތިޙާދު، ޔޫރަޕިޔަން ބްރޯޑްކާސްޓިންގ ޔޫނިއަން، އީބީޔޫންނެވެ. މި އަހަރު ބާއްވާ ޔޫރޯވިޜަން ލަވަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޔަހޫދީ ދައުލަތަށް ނުދިނުމަށް ވިލާތުގެ ގިނަ ޤައުމުތަކެއްގެ އިތުރުން އެ ޤައުމުތަކުގެ ޢާންމު ރައްޔިތުން ވެސް ދަނީ އީބީޔޫއަށް ބާރު އަޅަމުންނެވެ.