ޚަބަރު

އުތުރު ޣައްޒާއަށް ތަކެތި ވެއްދޭ ހަމައެކަނި މަަގު ބަންދުކުރުމާއެކު ޣައްޒާއަށް ޖައްސާފައިވާ ބަނޑުހައިހޫނުކަމުގެ ޙާލަތު ގޯހުން ގޯހަށް


އެތައް ލައްކަ ބަޔަކު ބަނޑަށް ޖެހެމުންދާ އުތުރު ޣައްޒާއަށް ކާބޯތަކެތި ވެއްދޭ ހަމައެކަނި މަގު މިދިޔަ ހަފްތާގެ ތެރޭގައި ޔަހޫދީން ބަންދުކުރުމާ ގުޅިގެން އުތުރު ޣައްޒާއިން ކާބޯތަކެތި ހުސްވެދާނެ ކަމުގެ އިންޒާރު އދގެ އިދާރާތަކާއި ބައިލަންއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ އޮކްސްފެމުން ދީފިއެވެ.

ޣައްޒާ ސިޓީއަށް އަސްކަރީ ހަރަކާތް ފުޅާކޮށް، މުޅި ޣައްޒާ ޔަހޫދީންގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ފުރަތަމަ އިޢުލާނު ކުރީ ހުސްވި އޮގަސްޓު މަހުގެ 20ވަނަ ދުވަހުއެވެ. އެ ރޭވުމުގެ ދަށުން އެ ސަރަޙައްދަށް އެއްގަމު މަގުން ސިފައިން އަރަން ފަށާފައި ވަނީ ސެޕްޓެމްބަރު މަހުގެ 16ވަަނަ ދުވަހުއެވެ. ޣައްޒާ ސިޓީގައި އެތައް ލައްކަ ބަޔަކު ދިރިއުޅެމުންދާއިރު، ރައްޔިތުން ފައްސާލައި އެ ސަރަޙައްދު ހުސް ކުރުމަށް ޔަހޫދީން ވަނީ ދެކުނުގެ ސަރަޙައްދުތަކަށް ދެވޭނެ އައު މަގުތައް ވެސް ހުޅުވައިފައެވެ. ނަމަވެސް ޔަހޫދިންގެ އަމުރަށް ކިޔަމަންވެ އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ގިނަ ބަޔަކު ޖެހިލުންވެއެވެ. އެއީ ޣައްޒާގެ އެއްވެސް ސަރަޙައްދަކީ ރައްކާތެރި ސަރަޙައްދެއް ކަމަށް ޤަބޫލު ނުކުރެވޭތީއާއި، ދެކުނުގެ ސަރަޙައްދުތަކުގައި ކާބޯތަކެތި ލިބުމަށް ދަތިވެފައިވުން ފަދަ ސަބަބުތަކާ ހުރެއެވެ.

އދގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އިދާރާ، އޯސީއެޗްއޭއިން ނެރުނު ބަޔާނެއްގައި ބުނީ އުތުރު ޣައްޒާއިން މަދު ދުވަސްކޮޅެއްގެ ތެރޭގައި ތެލާއި ކާބޯތަކެތި ހުސްވުމުގެ ނުރައްކާ އޮތް ކަމަށެވެ. އުތުރު ޣައްޒާއަށް ތަކެތި ވެއްދޭނެ އެއްވެސް ސީދާ މަގެއް ނެތް ކަމަށާއި، ދެކުނުގެ ސަރަޙައްދުތަކުން އުތުރުގެ ސަރަޙައްދުތަކަށް ތަކެތި ވެއްދުމަކީ ދަތި ކަމަކަށްވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އުތުރުގެ ސަރަޙައްދުތަކަށް އެހީގެ ސާމާނު އެތެރެކުރާ މަގު ކަމުގައިވާ ޒިކިމް މަގު ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހު ބަންދުކޮށްފައިވާ ކަމަށާއި، އޭގެ ފަހުން އެއްވެސް ޖަމްޢިއްޔާއަކަށް އެެއްވެސް މިންވަރަކަށް އެ ސަރަޙައްދަށް އެހީގެ ސާމާނު އެތެރެކުރެވިފައި ނުވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އޮކްސްފެމްގެ ސިޔާސަތުތަކާ ބެހޭ އިސްވެރިޔާ، ބުޝްރާ ޚާލިދީ ވިދާޅުވީ ޒިކިމް މަގު ބަންދު ކުރުމަކީ އުތުރު ޣައްޒާގައި ތިބި ރައްޔިތުން އެ ސަރަޙައްދު ދޫކޮށް ދެކުނުގެ ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވުމަށް ޔަހޫދީން ބޭނުން ކުރަމުންދާ އުކުޅަކަށް ވުން ވަރަށް ގާތް ކަމަށެވެ.

ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ އިދާރާ، ޑަބްލިޔުއެފްޕީން ބުނީ ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުންވާ ސާމާނު ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް ވެއްދުމަށް މިހާރުން މިހާރުން ސީދާ މަގެއް ހުޅުވައިލުން ކޮންމެހެން މުހިންމު ކަމަށެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 64،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ދަތިކޮށް، ޔަހޫދީން ދަނީ ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންނެވެ. މިދިޔަ މަހުގެ ތެރޭގައި ބަނޑުހައިހޫނުކަން ވަޒަންކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ވަނީ ޣައްޒާ ސިޓީއާއި ވަށައިގެންވާ ސަރަޙައްދުތަކުގައި އޮތީ ޢާންމުވެގެންވާ ބަނޑުހައިހޫނުކަމުގެ ޙާލަތެއް ކަމަށް ކަނޑައަޅައިފައެވެ. ބަނޑަށް ޖެހުމުގެ ސަބަބުން ޣައްޒާގައި ގިނަ ޢަދަދެއްގެ މީހުން ދަނީ ޝަހީދުވަމުންނެވެ.