ޚަބަރު

ޗެލްސީ އަތުން ބަޔާން މިއުނިކަށް ފަސޭހަ މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއެކު 3-1 ގެ ނަތީޖާއަކުން ޖަރުމަނުގެ ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗަށް ޗެލްސީ ނިކުތްއިރު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ޗެލްސީގެ މިޑްފީލްޑަރ ކޯލް ޕާމާ ވަނީ މެޗުގެ ފުރަތަމަ ޓީމުގައި ހިމަނާފަ އެވެ.

ނިމިގެންދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލިފައިވާ ޗެލްސީ އަލުން އަނބުރާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ޑިފެންސް ލައިނުން ވަނީ ގިނަ ގޯސްތަކެއް ފެނިގެން ގޮސްފަ އެވެ.

އެގޮތުން މެޗުގެ 20 ވަނަ މިނިޓުގައި ބަޔާން މިއުނިކް އިން ލީޑު ނަގާފައިވަނީ ޑިފެންޑަރ ޓްރެވާ ޗަލޮބާ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

އަދި އޭގެ ހަތް މިނިޓު ފަހުން ޗެލްސީގެ ޑިފެންޑަރ މާލޯ ގުސްޓޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އުމުރުން 32 އަހަރުގެ ހެރީ ކޭން ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ނަމަވެސް އޭގެ ދެ މިނިޓު ފަހުން ކޯލް ޕާމާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ. މިއީ ޗެލްސީ އަށް ކޯލް ޕާމާ ކުޅުނު 100 ވަނަ މެޗެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބަޔާން މިއުނިކަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަގަޅު ދެ ފުރުސަތެއް ލިބިފަ އެވެ. އެގޮތުން މައިކަލް އޮލިސޭ އާއި ހެރީ ކޭން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ޗެލްސީގެ ގޯލުކީޕަރު ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.

ބަޔާން މިއުނިކް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 63 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި މެޗުގެ ފަހު މިނިޓުގައި ކޯލް ޕާމާ އިތުރު ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

މި މުބާރާތުގައި ޗެލްސީ ދެން ނިކުންނާނީ ޕޯޗުގަލްގެ ބެންފީކާ އާއި ދެކޮޅަށެވެ. މި މެޗަށް ބެންފީކާ ނިކުންނައިރު އެ ޓީމުގެ ކޯޗު ކަމާއި ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ހަވާލުވާނެކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފައެވެ.