ޚަބަރު

ސުޕްރީމް ކޯޓު: އަދުލުވެރިކަން ޤާއިމްކޮށް، ޤާނޫނުއަސާސީއާއި ޤާނޫނުގެ ވެރިކަން ބަލަހައްޓާ ބެލެނިވެރިޔާ


  • ސުޕްރީމް ކޯޓު އުފެދުނީ 18 ސެޕްޓެމްބަރ 2008ގައި

  • މިއީ ކޯޓު އުފެދުނުތާ 17ވަނަ އަހަރު

  • މައްސަލަތަކުގައި އެންމެ ފަހުބަސް އިއްވާނީ ސުޕްރީމް ކޯޓުން

ރާއްޖޭގައި އަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީއާއެކު ދައުލަތުގެ ތިން ބާރު ވަކިވެގެންދިޔައެވެ. އަދުލު އިންސާފު ގާއިމުކޮށް، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުވެގެން ދިޔައީވެސް މިޤާނޫނުއަސާސީއާއެކުގައެވެ. ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓު އުފެދުނީވެސް މިޤާނޫނުއަސާސީއާއެކު 18 ސެޕްޓެމްބަރ 2008ގައެވެ.

ޑިމޮކްރަސީގައި ކުރިއަރާފައިވާ ޤައުމުތަކުގައި މިނިވަންކަމާއެކު ހިނގާ ޝަރުޢީ ނިޒާމެއް ޤާއިމުވެފައި އޮތުމަކީ މުހިންމު ކަމެކެވެ. 2008ވަނަ އަހަރު އަމަލު ކުރަން ފެށި ޤާނޫނުއަސާސީންވެސް މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ހިނގާނެ ޝަރުޢީ ނިޒާމެއް ރާއްޖޭގައި ކަނޑައެޅިގެންދިޔައެވެ. ރާއްޖޭގެ ޝަރުޢީ ނިޒާމަކީ ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަމާއެކު ހަމަހަމަކަމުގެ އުޞޫލުން ކޮންމެ މީހެއްގެވެސް އަސާސީ އަދި މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ޤާނޫނު ފިޔަވައި އެއްވެސް ފަރާތަކަށް ބޯ ނުލަނބާ، ހުރިހާ ބާވަތެއްގެ ނުފޫޒުން އެއްކިބާވެފައިވާ އަދި ވަކި ފަރާތަކަށް ނުޖެހޭ މުސްތަޤިއްލު ބާރެއްކަން އައު ޤާނޫނުއަސާސީން ޔަޤީން ކޮށްދީ އަދުލުއިންސާފު ޤާއިމް ކުރުމުގެ ބާރުގެ އެންމެ މަތީ ފަރާތް ކަމުގައި ސުޕްރީމް ކޯޓު ވަނީ ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓު އުފެދުނުތާ 17 އަހަރު ފުރިފައިވާއިރު ޤާނޫނުއަސާސީއާއި ޤާނޫނު މާނަ ކުރުމުގައި އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. ސުޕްރީމް ކޯޓު ސިފަ ކުރެވެނީ ޤާނޫނުއަސާސީ އާއި ޤާނޫނުގެ ވެރިކަން ބަލަހައްޓާ ބެލެނިވެރިއްގެ ގޮތުގައެވެ. ދަށު ކޯޓުންތަކުން ނިންމާ ނިންމުންތައް މަތީ ކޯޓުތަކަށް ހުށަހަޅައި، އެ ކޯޓުތަކުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބެއެވެ.

ސުޕްރީމް ކޯޓު 18 ސެޕްޓެމްބަރު 2008ގައި ގާއިމުކުރެވި އެ ކޯޓުގެ ފުރަތަމަ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ފަނޑިޔާރު މުޖުތާޛު ފަހްމީ، ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޢަރީފު އަދި ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިނެވެ. އެއަށްފަހު 2010ވަނަ އަހަރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓަށް އަލުން ފަނޑިޔާރުން އައްޔަން ކުރެވުނެވެ.

ޤާނުނަށް ގެނައި އިސްލާހުތަކާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށްވެސް ވަނީ ބަދަލުތައް އައިސްފައެވެ. ކޯޓުތަކުގެ ޤާނޫނަށް ގެނައި 3 ވަނަ އިޞްލާހާއެކު އެ ކޯޓުގެ ބެންޗުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު 7 އަށް ބަދަލުކުރިއެވެ. އެއާއެކު، ދިވެހި ތާރީޙުގައި އަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން ޢައްޔަންކުރެވުނެވެ. އެއީ ޑރ. އަޒްމިރާލްދާ ޒާހިރު އާއި އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބަވަނީ 7 މެންބަރުންނެވެ. އެއީ ދިވެހިރާއްޖޭގެ ތިންވަނަ ބާރުގެ އިސް ފަރާތް ކަމުގައިވާ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އާއި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އާއި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމް އާއި ފަނޑިޔާރު ޙުސައިން ޝަހީދާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

ޝަރުޢީ ދާއިރާ މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް އެންމެ މުހިންމު ކަމަކީ އެ ދާއިރާއަށް މާލީ މިނިވަންކަން ލިބިގެންދިއުމެވެ. ރާއްޖޭގެ ޝަރުޢީ ދާއިރާގެ ފުރިހަމަ މާލީ މިނިވަންކަން ކަށަވަރު ކުރުމަށް ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

"އަޅުގަނޑުމެން މި ނިންމީ، ކެބިނެޓުގައި މަޝްވަރާކޮށްފައި، މި އަހަރުން ފެށިގެން މިއަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން ފެށިގެން، މިހާތަނަށް މިއޮތް ނިޒާމު، މި އޮތްގޮތް އެއްކޮށް ބަދަލުކޮށްލަން. ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް އެއީ، އަބަދުވެސް ޖުޑިޝަރީއަށް ދޭ އަދަދުކަމުގައި ކަނޑައަޅައި، އެ އަދަދު ބްލޮކް ގްރާންޓްގެ އުސޫލުން ޖަމާކޮށްދޭ ގޮތަށް ވަކި އެކައުންޓެއް ހުޅުވާފައި." ރައީސް ވިދާޅުވިއެވެ.

ފުރިހަމަގޮތުގައި މިނިވަންވެފައިވާ ޝަރުޢީ ދާއިރާއެއް އޮތުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިންވެސް ވަނީ އެކި ފަހަރުމަތިން ވިދާޅުވެފައެވެ. އެގޮތުން، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެ ދާއިރާ ފުރިހަމަގޮތުގައި މިނިވަންކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވާއިރު ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހުތަކެއްވެސް ވަނީ މި ދައުރުގެ ތެރޭގައި ގެނެސްފައެވެ.