ޚަބަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް: ބަންގްލަދޭޝް އާއި ޕާކިސްތާނަށް މޮޅެއް


ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުތަކުން ބަންގްލަދޭޝް އާއި ޕާކިސްތާން މޮޅުވެއްޖެއެވެ.

ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 22 އަށް ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.

މުބާރާތުގެ ކުޅުން މިއަދު ހަވީރު ފެށިއިރު، މިރޭ ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް މޮޅުވީ ދެކުނު އެފްރިކާ އަތުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ބަންގްލަދޭޝްއިން ގެންދިޔައީ 24-7 އަދި 29-20 އިންނެވެ.

މި މުބާރާތުގައި މިރޭ ކުޅުނު ދެވަނަ މެޗުން ޕާކިސްތާން މޮޅުވީ އިންޑިއާ އަތުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޕާކިސްތާނުން ގެންގޮސްފައިވަނީ 26-9 އަދި 34-13 އިންނެވެ.

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، މި މުބާރާތުގެ ބްރޯޑްކާސްޓިން ޕަޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ. މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.