ޚަބަރު

ނޫހެއްގެ އެޑިޓަރަކަށް އަދި މަސްއޫލުވެރިއަކަށް މީޑިއާ ކޮމިޝަނުގެ މެންބަރަކަށް ނުވެވޭނެ


  • ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެސް ކޮމިޝަނުގެ މެންބަރަކަށް ނުވެވޭނެ

  • ކޮމިޝަން އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަނުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނަކީ މިނިވަން މުސްތަޤިއްލުކަމާއެކު ހިނގާ ތަނެއްކަން ކަށަވަރުކުރުމަކީ ޤާނޫނުގެ އެންމެ މުހިންމު އެއް މަޤުޞަދެވެ. މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަނުގެ ޤާނޫނުން ނޫސްވެރިކަމުގެ މިނިވަންކަމާއި ތެދު ޚަބަރު ފެތުރުމަށް ބާރުއެޅުމުގެ ގޮތުން ޚާއްސަ ސަމާލުކަމެއްދީފައިވާއިރު، އެކަން ކަށަވަރުކުރުމަށް، ތިބޭ ބަޔަކީ ފުރިހަމަ މިނިވަންކަމާއެކު މަސައްކަތްކުރާ ބައެއްކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މިނިވަންކަން ކަށަވަރުކުރުމަށް މި ޤާނޫނުގައި އަޅާފައިވާ އެންމެ މުހިންމު އެއް ކަމަކީ މެންބަރަކަށްވާ މީހުންގެ ކިބައިގައި ހުންނަ ޝަރުތުތައް ހަރުދަނާކުރެއްވުމެވެ. އެގޮތުން ކޮމިޝަނަށް އައްޔަނުކުރާ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މީޑިއާއެއްގެ މަސްއޫލުވެރި ފަރާތެއް ކަމުގައި ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމެނެއެވެ. އަދި ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތް މީހެއްކަމުގައި ވެސް ވެގެންނުވާނެއެވެ.

މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި މެންބަރުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން އިޢުލާންކުރަން ޖެހޭނެއެވެ. އަދި މި އިޢުލާންގެ މުއްދަތު ހަމަވާތާ 10 ދުވަހުގެ ތެރޭގައި އެ އިޢުލާނަށް އިޖާބަދިން ފަރާތްތަކަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތް ކަނޑައަޅައި ނިންމުމަށް ޤާނޫނު ލާޒިމުކުރެއެވެ. މަޖިލީހުން ގޮތެއް ނިންމުމުން ކޮމިޝަނުގެ މެންބަރުން، ރައީސް އައްޔަނުކުރައްވާނެއެވެ.

ޤާނޫނުގެ ދަށުން އިންތިޚާބުކުރަންޖެހޭ 4 މެންބަރުން އިންތިޚާބުކުރާނީ ޤާނޫނުގެ ދަށުން ހަދައި ގަވާއިދުގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުންނެވެ. ނަމަވެސް ފުރަތަމަ ފަހަރަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އިންތިޚާބެއް ބާއްވައި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިޚާބުކުރަން ލާޒިމުވެއެވެ. އިންތިޚާބުގައި ވޯޓު ލެވޭނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކަށެވެ. ކޮންމެ ބްރޯޑްކާސްޓަރަކަށާއި މީޑިއާއަކަށް ލެވޭނީ 1 ވޯޓެވެ.

މި ޤާނޫނާއެކު ކުރީގެ މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ އިތުރުން އެހެނިހެން ބައެއް މަސްއޫލިއްޔަތުތައްވެސް ބަދަލުވެއެވެ. އެގޮތުން ނޫސް މަޖައްލާއާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާއިގައި ދަފުތަރުކުރެވިފައިވާ ލިޔެކިޔުންތަކާއި އަރުޝީފު މި ކޮމިޝަނަށް ބަދަލުވާނެއެވެ. އަދި އަލަށް މީޑިއާއާއި ބްރޯޑްކާސްޓަރުން ރަޖިސްޓްރީކުރަން ހުށައަޅަންޖެހޭނީވެސް ކަމާ ބެހޭ ވުޒާރާގެ ބަދަލުގައި މި ކޮމިޝަނަށެވެ.

ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައި ސިވިލް ސަރވިސް ކޮމިޝަނުން ވަގުތީ ކޮމިޓީ އެކުލަވާލަންޖެހެއެވެ.