ޚަބަރު

ގެޓާފޭ އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް


ސްޕެނިޝް ލީގުގައި ރޭ ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ.

ބާސެލޯނާގެ ޔޯހަން ކްރައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު މި ސީޒަނުގައި މެޗަކުން ބަލިނުވެ އެ ޓީމުން ދަމަހައްޓަމުން އަންނަ ރެކޯޑް ވަނީ ދިފާއުކޮށްފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް އެ ޓީމުން ވަނީ 13 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ހޯދާފަ އެވެ. އެއްވަނައިގައި އޮތީ 15 ޕޮއިންޓު ހޯދައިގެން ވާދަވެރި ރެއާލް މެޑްރިޑެވެ.

ބާސެލޯނާ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ 15 ވަނަ މިނިޓުގައި ޑެނީ އޮލްމޯގެ އެސިސްޓަކުން ފެރާން ޓޮރޭޒް ވަނީ ލަނޑެއް ޖަހާ ބާސެލޯނާއަށް ކުރި ހޯދަދީފަ އެވެ.

އަދި އޭގެ 19 މިނިޓު ފަހުން ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

މި މެޗުގައި ބާސެލޯނާ އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 62 ވަނަ މިނިޓުގައި ޑެނީ އޮލްމޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި ނިއުކާސަލް އަތުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުޅުނު މެޗުގައި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިން މާކަސް ރަޝްފޯޑް މި މެޗުގެ ފުރަތަމަ ޓީމުގައި ހިމަނާފައިނުވާއިރު, އެކަމާއި ގުޅޭގޮތުން ކޯޗު ހެންސީ ފްލިކް ބުނެފައިވަނީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭއިރު ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ލީގުގެ ތަށި ދިފާއު ކުރަން ނިކުތްއިރު އެ ޓީމަށް މި ސީޒަނުގައި މޮޅުނުވެވިފައިވަނީ ރަޔޯ ވަޔެކާނޯ އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.