މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި މީގެ ކުޑައިރުކޮޅެއް ފަހުން ބޫޓާނާ ވާދަކުރާ މެޗުން މެދުވެގެން ޕޮއިންޓެއް ހޯދަންޖެހޭ ކަމަށް ކޯޗު ސޮބާހު މުޙައްމަދު ބުނެފިއެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން ސޮބާހު ބުނީ އޭނާ ޓީމާ ހަވާލުވެގެން ވީ ކުޑަ ދުވަސްކޮޅެއް ކަމަށާއި އަދި މި މުބާރާތުގެ ކުރިން ކުޅުނު ދެ މެޗަކީ ވެސް ކުޅުންތެރިންނަށް ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
"މިއީ ފެށުމެއް. އަހަރުމެންނަށް ކުރިއަށް އެބައޮތް އޭޝިއަން ކަޕް ކޮލިފައިން ވެސް. އަހަރުމެންގެ ކުޅުންތެރިންނަށް މިއީ ވަރަށް ރަނގަޅު ތަޖުރިބާކަށް ވާނީ. އަހަރުމެން މި މެޗުގައި މަސައްކަތް ކުރާނީ އެނބުރި ގައުމަށް ދިއުމުގެ ކުރިން މަދުވެގެން ޕޮއިންޓެއް ހޯދަން،" ކޯޗު ބުންޏެވެ.
މުބާރާތުގައި ރާއްޖެ ކުޅުނު ދެ މެޗުގައި ވަނީ އިންޑިޔާ އާއި ޕާކިސްތާން އަތުން ތަފާތު ބޮޑުކޮށް ބަލިވެފަ އެވެ. މި ދެ ގައުމަކީ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ހިމެނޭ ގްރޫޕުން ދަތުރުކުރި ދެ ގައުމެވެ. އިންޑިޔާ އާއި ޕާކިސްތާން ގްރޫޕުގެ ފަހު މެޗުގައި މިއަދު ކުޅުނު މެޗު 3-2އިން ކާމިޔާބު ކުރީ އިންޑިޔާ އެވެ.
ބޫޓާނާ އާއި ރާއްޖެ ވެސް ވަނީ މުބާރާތުން ކަޓާފަ އެވެ.