ވެރިރަށް މާލޭގައި ހުންނަ މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ނުވަތަ އިސްލާމީ މަރުކަޒު ޑިޒައިންކުރެއްވި އާކިޓެކްޓް، 40 އަހަރު ފަހުން ރާއްޖެއަށް ޒިޔާރަތް ކުރައްވައިފިއެވެ.
މެލޭޝިޔާގެ އާކިޓެކްޓެއް ކަމަށްވާ ދާތޯ ހާޖީދާރު އަބްދުލްމަޖީދު ރާއްޖެއަށް ވަޑައިގެން ވަނީ އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރައްވާފައެވެ. މި އިންތިޒާމުތައް ހަމަޖައްސަވާފައިވަނީ މައުމޫން ފައުންޑޭޝަނުންނެވެ.
އިސްލާމީ މަރުކަޒަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބިނާކުރެއްވި ދިވެހިން ވަރަށް ބޮޑަށް ބަލައިގެންފައިވާ ބިނާއެކެވެ. އެ މިސްކިތް ހުޅުވިތާ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް 40 އަހަރު ފުރިފައިވާއިރު އަދިވެސް ރާއްޖޭގައި އެ ބިނާއެއްގެ ރީތި ވާހަކަ ދެކެވޭ އެއް ބިނާއަކީ އިސްލާމީ މަރުކަޒޭ ބުނުން ދޮގަކަށްނުވާނެއެވެ.
އިސްލާމީ މަރުކަޒާއެއްގޮތަށް ރަށްރަށުގައިވެސް މިހާރު އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ދިވެހި ޤައުމުގެ އިސްލާމީވަންތަކަމުގެ މައި ރަމްޒުގެ ގޮތުގައި ފާހަގަކުރެވޭ އިސްލާމީ މަރުކަޒަކީ މެލޭޝިޔާގެ އާކިޓެކްޓެއް ކަމަށްވާ ދާތޯ ހާޖީދާރު އަބްދުލްމަޖީދުގެ ޑިޒައިނެކެވެ. އޭނާއަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ރީތި މިސްކިތުގެވެސް އާކިޓެކްޓެވެ.
ދާތޯ ހާޖީދާރު އަބްދުލްމަޖީދު 40 އަހަރު ފަހުން ރާއްޖެއަށް ވަޑައިގެން، ވަނީ އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރައްވާފައެވެ. އަދި އޭނާގެ ޝަރަފުގައި އިސްލާމީ މަރުކަޒުގައި ޚާއްސަ ހަފްލާއެއްވެސް ވަނީ ބާއްވާފައެވެ.
މި ހަފްލާގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުވަނީ އިސްލާމީ މަރުކަޒު ބިނާކުރުމުގައި ދާތޯ ހާޖީދާރު އަބްދުލްމަޖީދުގެ ދައުރު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އިސްލާމީ ހަޟާރަތުގެ ރަމްޒެއް ކަމަށާއި ދީނީ ޢިލްމާއި ޤުރުއާނާއި އިސްލާމީ ސަގާފަތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ބައިވެރިއެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒު ބިނާކޮށް ހޭދަމިވީ 40 އަހަރުގެ ތެރޭގައި އެތަން ވެފައިވަނީ ދިވެހި ޤައުމުގެ އިސްލާމީވަންތަކަމުގެ މައި ރަމްޒަށެވެ. ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތައް ހިންގާ މައި މަރުކަޒަށެވެ. ބޭރުގެ މަޝްހޫރު ޢިލްމުވެރިން ގެނެސްގެން އިޙްޔާ ފޯރަމްތައް އެތަނުގައި ކުރިއަށް ގެންގޮސްފައިވެއެވެ. ދައުލަތުގެ އިސްވެރިންނާއި ޤައުމުގެ ޚިދުމަތްތެރިން އަވަހާރަވުމުން މިހާތަނަށް ކަށުނަމާދުކުރަމުން އަންނަނީވެސް މި މިސްކިތުގައެވެ. 2008ވަނަ އަހަރުން ފެށިގެން ދައުލަތުގެ އިސްލާމީ ވުޒާރާވެސް މިހާތަނާ ޖެހެންދެންވެސް ހިންގަނީ މި ބިނާގައެވެ.