ޚަބަރު

ނައިބު ރައީސް، މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، މެލޭޝިޔާގެ ބޮޑުވަޒީރު ޑާޓޯ ޝްރީ ޙާޖީ މުޙައްމަދު ނަޖީބު ބިން ޓުން ޙާޖީ ޢަބްދުލް ރައްޒާގްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ޕުތްރަޖަޔާ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ. މި ބައްދަލުކުރެއްވުމުގައި، މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އެމަނިކުފާނަށް ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ، މެލޭޝިޔާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކެނޑިނޭޅި ވެދެއްވާ އެހީތެރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޝުކުރު އަދާކުރެއްވިއެވެ. އަދި "ބްލޫ އޯޝަން ސްޓްރެޓެޖީ"އާ ބެހޭ ކޮންފަރެންސެއް މެލޭޝިޔާގައި ބާއްވާކަމަށްޓަކައި މެލޭޝިޔާގެ ބޮޑުވަޒީރަށް ތަޢުރީފް ކުރެއްވެވިއެވެ.

ޒަމާނުއްސުރެ ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ޤާއިމުކުރެވިފައިވާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން މި ދެބޭފުޅުންވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، މެލޭޝިޔާ ސަރުކާރުން ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް އެއްބާރުލުމާ އެހީތެރިކަން ބޭނުންވާ ހުރިހާ ދާއިރާއަކުން އެކީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އޮތް ކަމުގައި ވިދާޅުވަމުން، މެލޭޝިޔާއަށް ރާއްޖޭގެ ފަރާތުން އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި ރާއްޖޭގެ ސަރުކާރުން އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެރުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، ދިވެހިރާއްޖޭގެ ފަރާތުން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ފަހުމީ ޙަޞަންއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙައްމަދު ނަޞީރުއާ ޑެޕިއުޓީ ހައި ކޮމިޝަނަރ އަލްފާޟިލާ ޣަނިއްޔާ ޢަބްދުލް ޣަފޫރު ބައިވެރިވެވަޑައިގެންނެވިއެވެ.